މިނިސްޓްރީން ފާހަގަކުރާ ދުވަސްތައް

ޤައުމީ ދުވަސް (01 ރަބީޢުލްއައްވަލް)

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، 15 އަހަރާއި 6 މަސްދުވަހުގެ ދިގު އަޅުވެތިކަމަށްފަހު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ފަޚުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި މަތިވެރި ޖިހާދުގެ ފަޚުވެރި ބަޠަލަކީ، ހއ.އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ހަމައެކަނި ދުވަހަކީ ޤައުމީދުވަހެވެ.

މިނިވަން ދުވަސް (26 ޖުލައި)

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަނީ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ އޮތުމަށްފަހު، ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެގްރީމަންޓުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10 ޖެހިއިރު ސިލޯނުގައެވެ.

ހުރަވީދުވަސް (03 ޖުމާދަލްއާޚިރާ)

ހުރަވީދުވަސް ފާހަގަކުރަނީ ހޮޅިންގެ އަޅުވެތިކަމުގެ ދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވި ހަނދާން އާކުރުމުގެ ގޮތުންނެވެ. ގާތްގަޑަކަށް 4 މަހެއްހާ ދުވަހުގެ އަޅުވެތިކަމުގައި އޮތުމަށްފަހު، މުލީގޭ ދޮންޙަސަންމަނިކުފާނު ނުވަތަ ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި ދިވެހިރާއްޖެ މިނިވަންވީ، 3 ޖުމާދަލްއާޚިރާ 1166 ގައެވެ.

ޝަހީދުންގެ ދުވަސް (01 ޝައުބާން)

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ދިވެހިޤައުމަށްޓަކާ ޝަހީދުވެފައިވާ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިދުވަސް ނިސްބަތްވަނީ، އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ޕޯޗުގީޒުންނާ ދެކޮޅަށް އައްސުލްޠާން ޢަލީ (6ވަނަ) ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންވި ދުވަސްކަމުގައިވާ ޙިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 01 ވަނަ ދުވަހަށެވެ.

ޖުމްހޫރީ ދުވަސް (11 ނޮވެމްބަރު)

ޖުމްހޫރީދުވަހަކީ، ދިވެހިރާއްޖޭގައި ހިނގަމުންއައި ރަސްކަން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމުމާއި ގުޅިގެން، 11 ނޮވެމްބަރު 1968 ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުކުރެވުނު ދުވަހެވެ. ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ، އަލްފާޟިލް އިބްރާހީމް ނާޞިރެވެ.

ރާއްޖެ އިސްލާމްވި ދުވަސް (02 ރަބީޢުލްއާޚިރު)

މިދުވަހަކީ، ދިވެހިރާއްޖޭގެ ވަޒަންވެރިން އަޅުކަންކުރަމުންއައި ބުދުދީން ދޫކޮށްލައި ދިވެހިރާއްޖޭގެ އޭރުގެ ކީރިތި މަހާރަދުން ދޮވެމި ކަލަމިންޖާ ސިރީ ތިރިބުވަނަ އާދީއްތަ މަހާ ރަދުން އިސްލާމްދީނަށް ވަންނަވައި، ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ މަގަށް އެނބުރުނު ދުވަހެވެ. ތާރީޚުން އެނގޭގޮތުގައި ދިވެހި ދައުލަތުން އިސްލާމްދީން ޤަބޫލުކޮށް އެކަން އިޢުލާންކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ.

އެއްބައިވަންތަކަމުގެ ދުވަސް (26 ޑިސެމްބަރު)

މިދުވަސް ފާހަގަކުރަނީ، 26 ޑިސެމްބަރ 2004 ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ބިރުވެރި ކާރިސާގައި ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުންނެވެ. މި ހާދިޘާގައި ދިވެހިންގެ 82 މީހަކު ނިޔާވެ ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީ އަސަރުކޮށް،23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ފިޠުރު ޢީދު ދުވަސް (01 ޝައްވާލް)

ފިޠުރު ޢީދަކީ ބަރަކާތްތެރި ރަމަޟާންމަހުގެ މަތިވެރި އަޅުކަމާއި ވިދިގެން މުސްލިމް އުއްމަތަށް އަންނަ އުފާވެރި ޢީދެކެވެ. މިއީ، މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް ހަދިޔާ ބަދިޔާ ބަދަލުކޮށް އެކަކު އަނެކަކަށް ހެޔޮއެދުމާއި ތަހުނިޔާ ކިޔުމުގެ އުފާވެރި ދުވަހެވެ. ރަމަޟާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޢިޢުލާންކުރުމާއެކު، ޒަމާނުއްސުރެ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންވެސް ފިޠުރު ޢީދުގެ އުފާ ފާޅުކޮށް އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމުގެ ދުވަހެވެ.

އަޟްޙާ ޢީދު ދުވަސް (10 ޛުލްޙިއްޖާ)

އަޟްޙާ ޢީދަކީ ޙައްޖުގެ މަތިވެރި މަނާސިކަމާއި ވިދިގެން މުސްލިމް އުއްމަތަށް އަންނަ އުފާވެރި ޢީދެކެވެ. އަޟްޙާ ޢީދަކީ އުޟުޙިޔާ ނުވަތަ ޤުރުބާނީގެ ޢީދެވެ. މިދުވަސްތަކުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިވެ އުފާ ފާޅުކުރުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހިންގެ މެދުގައި އޮތް ޚާއްޞަ ސިފައެކެވެ. އަޟްޙާ ޢީދަކީ ކޮންމެ އަހަރެއްގެވެސް ޙައްޖުމަހުގެ 10ވަނަ ދުވަހެވެ.

ބައިނަލްއަޤްވާމީ އަހިންސަ ދުވަސް (02 އޮކްޓޯބަރު)

ބައިނަލްއަޤްވާމީ އަހިންސަ ދުވަސް (ނޮން-ވަޔަލަންސް ޑޭ) އަކީ، ނަފްރަތާއި އަނިޔާއާއި ދެކޮޅު، އަހިންސަ މުޖުތަމަޢަކަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމަށް އދ. އިން ނިންމުމާގުޅިގެންނެވެ. މިދުވަސް ފާހަގަކުރަނީ، އަހިންސަ މުޖުތަމަޢަކަށް އިންޑިޔާގެ ލީޑަރު މަހާތުމާ ގާނދީ ކުރައްވާފައިވާ ޚިދުމަތާއި ގުޅުވައިގެން އެމަނިކުފާނުގެ އުފަންދުވަސް ކަމުގައިވާ 02 އޮކްޓޯބަރު ގައެވެ.

ބައިނަލްއަޤްވާމީ ސުލްޙައިގެ ދުވަސް (21 ސެޕްޓެމްބަރު)

ބައިނަލްއަޤްވާމީ ސުލްޙައިގެ ދުވަސް ފާހަގަކުރަނީ، ދުނިޔެއަކީ ސުލްޙަމަސަލަސް، އަމާން، އޯގާތެރި، އެހީތެރި މުޖުތަމަޢަކަށް ހެދުމަށްޓަކާ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ގޮތުން 1981 ވަނަ އަހަރު އދ.އިން ނިންމުމާގުޅިގެންނެވެ. ބައިނަލްއަޤްވާމީ ސުލްޙައިގެ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް (05 ޑެސެމްބަރު)

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހަކީ، ދަރުމައަށްޓަކާ ހިލޭސާބަހަށް މަސައްކަތްކުރާ ދަރުމަވެރިންގެ މަސައްކަތާއި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހެވެ.

ބައިނަލްއަޤްވާމީ ރަޙްމަތްތެރިންގެ ދުވަސް (30 ޖުލައި)

ދުނިޔޭގެ އެކި ޤައުމުތަކުގައި ބައިނަލްއަޤްވާމީ ރަޙްމަތެރިންގެ ދުވަސް ފާހަގަކުރަނީ، ތަފާތު ޤައުމުތަކާއި، ނަސްލުތަކާއި، އެކި ޢުމުރުގެ ތަފާތު ގިންތިތަކާއި ފަންތިތަކުގެ މީހުންގެ މެދުގައި އެކުވެރިކަމާއި ރަޙްމަތެރިކަން އާލާކުރުމުގެ ގޮތުންނެވެ. 1958 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ރަޙްމަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ޖުލައި 30 އަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައި 2011 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ނިންމާފައެވެ.