ޒުވާނުންނާއި މީޑިއާ ވޯކްޝޮޕްގެ ދެވަނަ ދުވަހުގެ ސެޝަންތައް ފަށައިފި

ޒުވާނުންނާއި މީޑިއާ މިނަމުގައި ހއ. ހޯރަފުށީގައި ކުރިއަށްގެންދާ ވޯކްޝޮޕްގެ ދެވަނަ ދުވަހުގެ ސެޝަންތައް ފަށައިފިއެވެ. މިގޮތުން މިއަދު ފުރަތަމަ ކުރިއަށް ގެންދެވު ސެޝަނަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ހޭލުންތެރިކުރުމުގެ ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މިސެޝަނުގައި މީޑިއާގެ މުހިންމުކަމާއި މައުލޫމާތު ފެތުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.

ދެވަނަ ސެޝަނަކީ ޒުވާނުންގެ މެދުގައި ދީނީ ޢަޤީދާ ހަރުދަނާ ކުރުމާއި ބެހޭގޮތުން ކުރިއަށް ގެންދެވުނު ސެޝަނެކެވެ. މިސެޝަނުގައި ދީނީގޮތުން ތެދުމަޢުލޫމާތު ހޯދާނެގޮތާއި އަދީ ދީނީގޮތުން ތެދު މަޢުލޫމާތު ލިބޭނެ ވެބްސައިޓްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

މިފޯރަމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫތު ލީޑާސް ނެޓްވޯކް ގުޅިގެން ކުރިއަށް ގެންދާ ދެދުވަހުގެ ފޯރަމެކެވެ.

ޔޫތު ލީޑާސް ނެޓްވޯކަކީ ޒުވާނުން ޒިންމާދާރު ބަޔަކަށް ހަދައި ޒުވާނުންނަށް މަދަނީ ގޮތުން ޙަރަކާތްތެރިވެގެން އުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލެނިވެރިކަމުގެ ދަށުން އުފައްދަވާފައިވާ ނެޓްވޯކެކެވެ.