ޔޫތް ލީޑަރސް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބުދުﷲ އިފްޠިތާހުކޮށްދެއްވައިފި

ޔޫތް ލީޑަރސް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތުބައްދަލުވުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބުދުﷲ މިއަދު ހއ.ހޯރަފުށީގައި އިފްޠިތާހުކޮށްދެއްވައިފިއެވެ. ހއ.އަތޮޅުގެ ރަށްތަކުން ޒުވާނުން ބައިވެރިވާ މިމަސައްކަތުގައި ބައްދަލުވުން ކުރިއަށްގެންދަނީ ޒުވާނުންނާއި މީޑިޔާ، މިޝިޢާރުގެ ދަށުންނެވެ.

ދެދުވަހުގެ މުއްދަތަށް ހޯރަފުށީގައި ކުރިއަށްގެންދާ މިމަސައްކަތު ބައްދަލުވުމުގައި މީޑިޔާގެ ދާއިރާއާއި، ދީނީ އިލްމާއި، ތާރީޚާއި، ޘަޤާފަތް ހިމެނޭގޮތަށް މައިގަނޑު ހަތް ސެޝަނެއް ވަނީ ހިމަނާފައެވެ. އެދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދިނުމަށް ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުން ބައިވެރިވެލައްވާނެއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ މައުލޫމާތުދިނުމާއި، ޒުވާނުންގެ މެދުގައި ދީނީ އަޤީދާ ހަރުދަނާ ކުރުމަށް މައުލޫމާތު ދިނުމާއި، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމާއި، ދިވެހި ސަޤާފަތާއި އާދަކާދަތައް ގެންލިގެން ނުދާނެގޮތް ހޯދުންފަދަ ބައިތައް ހިމެނެއެވެ.

މިޕްރޮގްރާމްގެ ބޭނުމަކީ ހަރުދަނާ ޒުވާނުން ބިނާކުރުމަށް އެހީތެރިވެދިނުމެވެ. އަދި ޒުވާނުންނަކީ އެއްބައިވަންތަ، މައުލޫމާތު މުއްސަނދި، ދިވެހި ތާރީޚާއި، ޘަޤާފަތަށް ޝައުޤުވެރި ބަޔަކަށް ހެދުމެވެ.

މިމަސައްކަތު ބައްދަލުވުމުގެ ތެރެއިން ޒުވާން އިސްވާރުންގެ ވިއުގަ ފުޅާކުރެވޭނެއެވެ. މިމަސައްކަތު ބައްދަލުވުމުގައި ހަތް ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވާނެއެވެ. މަސައްކަތު ބައްދަލުވުމުގައި ދަރިވަރުންނާއި ޒުވާނުންގެ ބައި ކުރިއަށްގެންދާނީ ވަކިންނެވެ. ޔޫތް ލީޑަރސް ނެޓްވޯކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ ނެޓްވޯކެކެވެ.