މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުން އަންނަ މަހުގެ 2 ވަނަ ދުވަހު އޮންނާނެ

މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުން އަންނަ މާރޗުމަހުގެ 2 ވަނަ ދުވަހު އޮންނާނެއެވެ. އިންތިޚާބު އޮންނާނީ މާރޗުމަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު 2 ން 3 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައެވެ.

މީޑިޔާކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލްގައި މީޑިޔާތައް ތަމްޘީލްކުރައްވާ މެމްބަރެއްގެ ދައުރު ހަމަވުމުންނެވެ. ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލުމުން ދެފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ. އެއީ އަވަސް އޮންލައިންގެ މެނޭޖިންގ އެޑިޓަރ އަޙުމަދު ނާއިފްއާއި ނޫނު އިންފޯގެ ނޫސްވެރިޔާ އަހުމަދު ނައުޝާދުއެވެ.

އިންތިޚާބުގައި ވޯޓްލެވޭނީ މިހާރު ކައުންސިލްގައި ތަމްޘީލްނުވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަޞްޢޫލު ފަރާތްތަކުގެ މެދުގައެވެ. ވޯޓްލާން ރަޖިސްޓްރީކުރުން މިމަހުގެ 26،25 އަދި 27 ވަނަ ދުވަހު އޮންނާނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ލިބެން ހުންނާނެއެވެ.

މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ މީޑިޔާތަކުން އިންތިޚާބުވާ 8 މެމްބަރުންނާއި، އަމިއްލަ ފަރާތްތަކުގެ ތެރެއިން އިންތިޚާބުވާ 7 މެމްބަރުންގެ މައްޗަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުން

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލުން