ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީ އިފްތިޠާހުކޮށްފި

ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީއެއް އެކުލަވާލައްވާ އެކޮމިޓީ މިއަދު އިފްތިޠާހުކޮށްފިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނުވަ ބޭފުޅުންނެވެ. އެބޭފުޅުންނަކީ އަލްފާޟިލް އައްބާސް އިބްރާހީމް، އަލްފާޟިލް ޢަބުދުއްރަޝީދު ޙުސައިން، އަލްފާޟިލް ޔުމްނާ މައުމޫން، އަލްފާޟިލާ އަނީސާ އަހުމަދު، އަލްއުސްތާޛު އަހުމަދު ޝާކިރު، އަލްފާޟިލް އަޝްރަފް އަލީ، އަލްފާޟިލް އާދަމް ނަސީރު އިބްރާހީމް، އަލްފާޟިލް އަންވަރު އިބްރާހީމް އަދި އަލްއުސްތާޛު އަޙްމަދު ޢަލާއެވެ.

މިކޮމިޓީއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާ ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ އަދި ވަޠަނީ ރޫޙް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރެއްވުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲއަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެކެވެ. އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި މިއަދު ވަނީ ބާއްވާފައެވެ.

ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.