ޖަމާއަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ޚާއްޞަކޮށްގެން ހިންގާ މަޝްރޫޢުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކައުންސިލްތަކަށް އެހީދެއްވާނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ޙިއްޞާ އޮންނަ ގޮތަށް ހިންގާ ތަރައްޤީޤެ މަޝްރޫޢުތަކަށެވެ. މިމަޝްރޫޢުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށްވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫޢުއަށް އެހީ ހޯދުމަށެވެ. އެގޮތުން ހުށައަޅުއްވާ މަޝްރޫޢުތަކަށް 300000 ( ތިންލައްކަ ރުފިޔާ ) އާ ހަމައަށް އެހީދެއްވަން މިިނިސްޓްރީން ވަނީ ނިންމަވާފައެވެ. ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅޭނެ މަޝްރޫޢުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެއެވެ.

މަޝްރޫޢުތަކަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައްވާފައެވެ. ހުށައަޅުއްވާ ޕްރޕޯޯޒަލްތަކަށް މާރކްސް ދެއްވުމުގައި އެންމެ ބޮޑަށް ބައްލަވާނީ މަޝްރޫޢުގެ ބޭނުމާއި، މަޤްޞަދު އަދި މަޝްރޫޢުން ހާޞިލް ކުރެވޭނެ ނަތީޖާއަށެވެ. އަދި މަޝްރޫޢު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ޙިއްޞާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާރކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދެއްވާނީ މިކަންކަމަށް ބެއްލެވުމަށްފަހު އެންމެ ރަނގަޅު މާރކްސް ހޯދާ ޕްރޮޕޯޒަލްތަކަށެވެ.

މަޝްރޫޢުތަކަށް ފައިސާ ދިނުމުގެ އުޞޫލާއި ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން މިހާރު ވާނީ ރަށު ކައުންސިލްތަކަށް ފޮނުވާފައެވެ.

ޖަމާޢަތުގެ ފައިދާއަށް ހިންގާ ކުދި މަޝްރޫޢުތަކަށް ފައިސާ ދިނުމުގެ އުސޫލު

ޖަމާޢަތުގެ ފައިދާއަށް ހިންގާ ކުދި މަޝްރޫޢުތަކަށް ދޫކުރާ އެހީގެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު