ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ރޭ ބާއްވައިފިއެވެ. މިޖަލްސާއޮތީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިރަސްމިއްޔާތުގައި މަރްޙަބާ ދެއްނެވުމުގެ ވާހަކަފުޅުދެއްކެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިޔާސީ ބައިބައިވުންތަކަކީ ޤައުމުގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެއްޖެނަމަ، ދިވެހިންނަކީ ނިކަމެތި އަޅުވެތި ބަޔަކަށްވުމުގެ ފުރުޞަތު އަބަދުވެސް ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން އެންމެންގެ ކުރިމަތީގައި އިސްވާންޖެހޭނީ ދިނާ ޤައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަން ކަމަށް ވިދާޅުވިއެވެ.

ދޮންބަންޑާރައިންގެ ޙާދިސާއިން ޒުވާނުން ލިބިގަންނަންވީ އިބުރަތްތަކާއި ގުޅޭ ގޮތުން މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިޙާދިސާގެ އިބުރަތުން ޤައުމަޓްކައި ޚާލިސްވެ، ޤުރުބާންޖެހޭ ގޮތަށް އަޅުގަނޑުމެންގެ އަމަލުތަށް ބެހެއްޓުމަކީ އެންމެ މުހިންމު ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ މީހުންނަށް ދައުވަތު ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިބިން މީ މަގޭ އުފަންބިން މިމަޢުޟޫއަށް ވާހަކަދެއްކެވީ އަޙްމަދު ޢަލާއެވެ. އަދި ދުވަހާއި ގުޅޭގޮތުން ހުރަވީ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރު އަޙްމަދު އަމާން ޙަލީމް ވާހަކަދެއްކެވިއެވެ. އަދި މީގެއިތުރުން މިރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ ދަރިވަރުންގެ މަދަހައެއް ހުށަހެޅުން އޮތެވެ.