1440 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ރައްޔިތުންނާ މުޚާތަބު ކުރައްވާ ދެއްވި ޚިޠާބް.

އައްސަލާމް އަލައިކުމް.

އަޅުގަނޑުގެ މިވާހަކަކޮޅު މިފަށަނީ ހުރަވީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ހިތުގެ އެންމެ ފުންމިނުން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުން.

އާދެ! މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ދިވެހި ތާރީޚުގެ ސަފްޙާތަކުގެ ތެރެއިން އަލިގަދަ ޞަފްޙާއެއް، ކާބަފައިންގެ ޤުރުބާނީތަކުގެ ތެރެއިން މަތިވެރި ޤުރުބާނީއެއް، ދިވެހި ޤައުމިއްޔަތުގެ ޛިކުރާތަކުގެ ތެރެއިން އަރާހުރި ކުލަގަދަ ޛިކުރާއެއް.

އާދެ! ހޮޅީންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ދިވެހިން ތާށިވެ، ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ގެއްލި، ދިވެހި ޤައުމިއްޔަތުގެ ބިންގާ މުލުން ލުހެވި ފުނޑުފުނޑުވަމުން ދަނިކޮށް، ހިޖުރައިން 1166 ވަނަ އަހަރު، ޖުމާދިލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ، އަލްޣާޒީ ޙަސަން ޢިއްޒުއްދީން، ދޮންބަންޑާރައިން، އިސްވެހުންނަވާ، މާތްވެގެންވާ އިސްލާމްދީނާ، ދިވެހި ޤައުމަށް ވަފާތެރި، ހިތްވަރާއި ޢަޒުމުހުރި ދަރީންތަކެއް ގޮވައިގެން ނިކުންނަވާ، ޙިކުމަތްތެރިކަމާ ކެތްތެރިކަމާ، ހުނަރުވެރިކަމާއެކު ހަނގުރާމަ ކުރައްވާ، ދިވެހި އުންމަތަށް ނަޞްރު ހޯއްދަވައިދެއްވުމުގެ މަތިވެރި ޛިކުރާ.

ލޮބުވެތި މުވާޠިނުން! އިންސާނީ ތާރީޚަށް ނަޒަރު ހިނގާލާއިރު، މުޖުތަމަޢުތަކާއި ޤައުމުތައް އަނެކުންގެ އަޅުވެތިކަމުން ސަލާމަތްވެ ރައްކާތެރިކުރެވިފައިވަނީ، ޤައުމިއްޔަތުގެ ސިފަތައް އަށަގަނެ، ޙުއްބުލްވަޠަންގެ މަތިވެރި އިޙުސާސް އެބައެއްގެ ހިތުގައި ބިންވަޅު ނެގި، އެބައެއްގެ ދީނާ ޤައުމަށްޓަކާ ޖާނާމާލުން ފިދާވާން ތައްޔާރަށް ތިބި ބަޔަކަށްކަން ވަރަށް ސާފުކޮށް ފެންނާނެ! އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ތާރީޚް، ސާބިތުކޮށްދީފައިވާ އެންމެ ބޮޑު އެއް ޙަޤީޤަތަކީވެސް މީ!

މިއަދާ ހަމައަށް ދިވެހި ޤައުމު މިނިވަންކަމާ އިސްތިޤުލާލާއެކު ކުރިޔަށްގެންދެވިފައި މިވަނީ ކާބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުން. ދިވެހި ޤައުމަށް ބޭރުގެ ޢުދުވާނެއް ކުރިމަތިވި ކޮންމެ ފަހަރަކު ކާބަފައިންގެ އަބްޠާލުން ދައްކަވާފައިވަނީ ޙުއްބުލްވަޠަންގެ މަތިވެރި މިސާލުތަކެއް! ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވަކިތަކުން ސަލާމަތްވެ، ދިވެހި ޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާކުރެވި ދިވެހިންގެ ޝަރަފާ ކަރާމާތް ޙިމާޔަތްކުރެވިފައިވަނީ، ﷲ ގެ ރަޙުމަތަށްފަހު އިސްލާމްދީނާ، ދިވެހި ޤައުމުގެ ޙިމާޔަތުގައި ކާބަފައިންގެ އަބުޠާލުން ދެއްކެވި ސާބިތުކަމާ، ކުރެއްވި މަތިވެރި ޖިހާދުގެ ސަބަބުން.

ދިވެހި ލޮބުވެތި ރައްޔިތުން! ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކާބަފައިންގެ އަބްޠާލުން ކޮށްފައިވާ މަތިވެރި ޖިހާދުތަކުގެ ޛިކުރާ އާކުރަމުން ދާއިރު، ހަނދާންނާއްތާ ނުލެވޭނެ ހިތި ތަޖުރިބާތަކެއްވެސް ތާރީޚުގެ ކަޅު ޞަފްޙާތަކެއްގައި ހިމެނިފައިވޭ!

އާދެ! ދިވެހި ޤައުމަށް ކުރިމަތިވި ބޭރުގެ ކޮންމެ ޢުދުވާނެއްގެ ފަހަތުގައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ރައްޔިތުންނަށް ޚިޔާނާތްތެރި، ދިވެހި ޚާއިނުންތަކެއްގެ ހީލަތްތެރި އަތްތަކެއްވޭ. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންމިދާ ހުރަވީދުވަހުގެ ޙާދިސާއަށް ނަޒަރުހިންގާލުމުންވެސް ފެނިގެންދަނީ މި ޙަޤީޤަތް. މުޙައްމަދު ޝަމްސުއްދީނާއި އަޙުމަދު މުޙިއްޔުއްދީން ކަންނަންނޫރު އަލީ ރާޖާއަށް ސިޓީ ފޮނުވައި ހިންގި މުޢާމަލާތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ޢަލީ ރާޖާ ލަޝްކަރެއް ފޮނުވާ، އޭރުގެ ރަދުންނާއި ވަލީޢަޙުދު ހައްޔަރުކޮށް ފުރަމާލޭގެ ގެތަކުގެ ދެބައިކުޅައެއްބައި އަންދާ، ދިވެހި ޤައުމު އަޅުވެތިކުރުން!

ދިވެހި ލޮބުވެތި ރައްޔިތުން! މިފަދަ ކޮންމެ ހާދިސާއެއް ދިރާސާކޮށްލުމުންވެސް ހާމަވާ ޙަޤީޤަތްތަކެއްވޭ. ވެރިކަމުގެ ދަހިވެތިކަމުގައި ތިމާމެންގެ އަމިއްލަ ދީނާއި ޤައުމާއި ރައްޔިތުން ޤުރުބާންކޮށް، އަމިއްލަވަންތަކަމާއި އިސްތިޤުލާލު ވެއްޔާމޮޑެލަން ފަސްނުޖެހޭ ބަޔަކު މިރާއްޖޭގައި އުޅެފައިވާކަމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެއް. މާޒީއިން ޢިބުރަތްލިބިގަތުމަކީ މުސްތަޤުބަލް އުޖާލާކުރުމަށްޓަކައި އަޅަންއޮތް އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ ހިނދު، މިދެންނެވި ކަންކަމަށް ރިއާޔަތްކޮށްގެން މިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަކީ ސިޔާސަތު ކަނޑައަޅާފަރާތްތަކާއި މުދައްރިސުންނާއި މުރައްބީންނާއި މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މައްސޫލިއްޔަތެއް.

ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔުމަށް މަގުފަހިވާ އެއްކަމަކީ ވެރިކަމުގެފަރާތުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ބޭއިންސާފާއި ފަސާދަ އާންމުކޮށް، ރައްޔިތުންނަށް ތަޙައްމަލުކުރަން ނުކުޅަދާނަ ޙާލަތު މެދުވެރިކުރުން. އަމިއްލަ ޤައުމުގައި އަމިއްލަ ވެރިކަމުގެ ދަށުގައި ރައްޔިތުން ބިކަވެ ނިކަމެތިވެގެންދިޔުން. އެހެންކަމުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމު އެންމެ އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާވެފައިވާ ދެފުށްފެންނަ ހެޔޮވެރިކަމެއް.

ދިވެހި ލޮބުވެތި ރައްޔިތުން! ދިވެހި ޤައުމުގެ ޒުވާނުން! މިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލިގެންދިޔުމާއި އަދި އެ މިނިވަންކަން އަނބުރާ އިޔާދަކުރުމަށްޓަކައި ކާބަފައިން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރާ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ވިސްނާފިކުރު ހިންގަންޖެހޭ ކަންކަން އެބަހުރި. ތަރައްޤީގެ މަގުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، ބަވަނަވެފައިވާ ދުނިޔޭގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިއެއްގެ ގޮތުގައި ކުރިޔަށްދާއިރު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާފާނެ ކަންކަމާމެދު ހުޝިޔާރުވާންޖެހޭ! އެފަދަ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އަޅަންވާ ފިޔަވަޅުތައް އަޅާ، ރައްކާތެރިވާން ޖެހޭ!

ހުރަވީދުވަހާއި ހުރަވީދުވާހާ ގުޅިފައިވާ ޙާދިސާތަކުން އަޅުގަނޑުމެންނަށް އުނގަންނާދޭ ފިލާވަޅަކީ، ދިވެހި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެންގެތެރެއިން ކޮންމެ ފަރުދަކީވެސް ދީނާއި ޤައުމުދެކެ ލޯބިވާ މީހަކަށްވާންޖެހޭކަން.

މާތް ﷲ، އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުދެކެ ލޯބިވާ ބައެއްކަމުގައި ލައްވާށި. މި ދިވެހި ޤައުމު މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާ އަދަށްވުރެ ފާގަތި މުސްތަޤުބަލެއް މިންވަރުކުރައްވާށި!

1440 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ރައްޔިތުންނާ މުޚާތަބު ކުރައްވާ ދެއްވި ޚިޠާބް.