މިއަހަރުގެ ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްވަނީ ހަމަޖެހިފަ

މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 3 ޖުމާދަލްއާޚިރާ 1440، 7 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭޑިއޯ އާއި ޓީވީން މިިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގެ ޚިޠާބެއް ފޮނުއްވާގޮތަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހުރަވީ ދުވަހު ރޭޑިއޯ އާއި ޓީވީން ދުވަހާގުޅޭ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ ތެރޭގައި ދުވަހާގުޅޭ ޚާއްޞަ ބަހުސެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ހުރަވީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ގެންދާ ތަފާތު ޕްރޮގްރާމްތައް ތެރޭގައި 3 ފެބުރުއަރީ 2019 ވަނަ ދުވަހުން ފެށިގެން ދުވަހާގުޅޭ ވީޑިއޯ ސްޕޮޓްތަކެއް ޓީވީން މިހާރުދަނީ ކުރިއަށް ގެންދަމުންނެވެ. މި ސްޕޮޓްތައް ހުރަވީ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ކޮންމެ ދުވަހަކުވެސް ވީޑިއޯ ސްޕޮޓް ނިމުމުން އެ ސްޕޮޓާގުޅޭ ޚާއްޞަ ސުވާލެއް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. މިސުވާލުތަކުގެ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުންހޮވޭ ފަރާތަކަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން -/5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއްދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

ހުރަވީ ދުވަހާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ ބައްދަލުވުމެއް 8 ފެބުރުވަރީ 2019 ވާ ހުކުރު ދުވަހުގެރޭ އިސްކަންދަރު ސްކޫލް ހޯލްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދުވަހާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ސްކޫލްތަކުގެ ދަރިވަރުން ދެވިގެންދާނެއެވެ.

ހުރަވީ ދުވަހާއި ގުޅިގެން އެމް.އެން.ޑީ.އެފް.ގެ "ހުރަވީ ޝިޕް" ސްކޫލް ކުދިންނަށް ދައްކާލުމާއި، އަދި ޝިޕާބެހޭ މަޢުލޫމާތާއި ދޮންބަންޑާރައިންނާއި ބެހޭ މަޢުލޫމާތު ދިނުމަށް 9 ފެބުރުވަރީ 2019 ވާ ހޮނިހިރު ދުވަހު ހެނދުނާއި މެންދުރުފަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކޮމާޝަލް ހާބަރ އޭރިޔާގައި ކުރިއަށް ގެންދިޔުމަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މާލެއާއި އަތޮޅުތަކުގެ ސްކޫލް މަދަރުސާތަކުގައި ދުވަހާގުޅޭ ގޮތުން ޚާއްޞަ އެސެމްބްލީ އަކާއި، ދުވަހާއި ގުޅޭ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ދުވަހާއިގުޅޭ ޙަރަކާތްތައް އަތޮޅުތަކުގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ހުރަވީ ދުވަހަކީ ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވުނު ހަނދާން އާކުރާ ދުވަހެވެ. އެދުވަސް ނިސްބަތްވަނީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒައްދީނު ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ. ހުރަވީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހެވެ. މިއަހަރުގެ ހުރަވީ ދުވަސް ދިމާވަނީ މީލާދީން 8 ފެބުރުވަރީ 2019 ވާ ހުކުރު ދުވަހާއެވެ.