މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ހާއްސަ ކެމްޕެއިންގައި ހޯމް މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމް ހޯމް މިނިސްޓްރީގައި މިއަދު ފައްޓަވާއިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދު ﷲ އެވެ. މިގޮތުން ޕްލާސްޓިކްފުޅީގެ ބަދަލުގައި ހޯމް މިނިސްޓްރީގައި ދެން ބޭނުންކުރާނީ ބިއްލޫރި ފުޅިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށްޓަކައި ހޯމް މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިކަމަކީ އަޅުގަނޑުމެންގެ މުޅިރާއްޖޭގެ އިތުރުން މުޅިދުނިޔޭގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިކަމަކީ އަޅުގަނޑުމެންގެ މުޅިގައުމުގެ އިގްތިސާދާ ގުޅިފައިވާ ކަމެއްކަމަށެވެ. މިއަދު ދުނިޔޭގެ މާހައުލު އެކިގޮތްގޮތުން ތަޣައްޔަރުވެ ދިއުމުގެ އެންމެބޮޑު އެއް ސަބަބަކަށް ޕްލާސްޓިކްވެގެންދާކަމަށާއި ޕްލާސްޓިކުން އަޅުގަނޑުމެންގެ ރާއްޖެއާއި މުޅި ދުނިޔެ ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން މިކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެންމެހާ މުވައްޒަފުންވެސް ޚާއްސަ ސަމާލުކަމެއްދެއްވުމަށްވެސް މިނިސްޓަރ އިމްރާން އެދިވަޑައިގެންނެވިއެވެ.