ޖަލުތަކުގެ މައްސަލަތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ މީޑިއާތަކަށް މަޢުލޫމާތު ދެއްވައިފި

ޖަލުތަކުގެ މައްސަލަތަކާގުޅޭ ގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ނޫސްވެރިންނަށް މިއަދު މަޢުލޫމާތު ދެއްވައިފިއެވެ. އެމަނިކުފާނު ދެއްވި މަޢުލޫމާތު ތަކުގެ ތެރޭގައި ހަފްތާގެ ބަންދުދުވަސްތައް ނުހިމަނައި އެހެން ހުރިހާ ދުވަސްތަކުގައި ކަނޑައެޅޭ އުސޫލުތަކުގެ ތެރެއިން ފަސޭހަކަމާއެކުގައި، ވަކީލުންނަށް ގައިދީންނާއި ބައްދަލުކުރެވޭނެގޮތް މިއަދުން ފެށިގެން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި އާއިލީ ބައްދަލުވުންތައް ކުރިން ހަފްތާއަކު 1 ގަޑިއިރަށް އޮތް އޮތުން މިހާރު 2 ގަޑިއިރަށް ބަދަލުކުރެވިފައިވާކަން ފާހަގަކުރައްވާ، އެކަހެރި ބައްދަލުވުންތައްވެސް 12 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އާއިލީ ބައްދަލުވުންތަކުގައި ދަތިތަކާއި އުނދަގޫތައް އެބަހުރި ކަމަށާއި ނަމަވެސް އެކަންކަން ހުރަސްކޮށް އެއާއިލާތައް ބަދަހިކޮށް ދެމިއޮތުމަށްޓަކައި މިނިސްޓްރީީން ކޮށްދެވެން އޮތް އެންމެ ފަސޭހައެއްމަގެއް ފަހިކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލާ އެބޭފުޅުންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.