މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއެއް ބޭއްވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި މިބައްދަލުވުމަކީ، މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެމްބަރުން ހޯދާ، ކުންފުނިތަކަށް ދަޢުވަތުދީގެން އެއްތަނަކުން ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ފަނޑްހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކަމާގުޅޭ މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެވެ.

ސްޓެލްކޯމާލަމުގައި ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި ބައިވެރިވެ ޖަމްޢިއްޔާތަކަކީ މި ފެއަރ ބާއްވާނެގޮތާއި މެދު ޚިޔާލް ހުށަހަޅާ، ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާތަކަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކެވެ. މިބައްދަލުވުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ކުރިއަށް ގެންދާނެގޮތާމެދު ޚިޔާލްހުށަހަޅާ ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުންފުޅުވާ ޖަމްޢިއްޔާތަކުން، ނަންތައްހުށަހެޅުމަށް ހުޅުވާލުމުން އެކަމަށް ގިނަޖަމްޢިއްޔާތަކުންވަނީ ނަންތައް ހުށަހަޅާފައެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑި ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.