ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބާއްވައިފި

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބާއްވައިފިއެވެ. މިޖަލްސާ ބޭއްވުނީ ޑިސެންބަރު 26 ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ.

ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ސުނާމީއަކީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ރާއްޖެ ފުން ވަޅުގަނޑަކަށް ގަންބައިލި ހާދިސާއެއްކަން ފާހަގަކުރައްވާ، އެއީ ޢާއިލާތައް ވިއްސިވިހާލިކޮށް އެކުވެރީން ދެތަން ކުރުވި ހިތި ތަޖުރިބާއެއްކަމަށް ވިދާޅުވިއެވެ. އަދި މައިންބަފައިންނާއި ދަރީން އަބަދަށްޓަކައި ވަކިކުރުވި ވޭނީ ހިތާމައެއްކަމާއި މުދަލާއި ގެދޮރު ސުންނާފަތިކުރި ފޫނުބެދޭނެ ގެއްލުންތަކެއްލިބި އަޅުގަނޑުމެންނާ ކުރިމަތިވި ވަރުގަދަ އިމްތިޙާނެއްކަމަށް ފާހަގަކުރައްވާ އެއިމްތިޙާނުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ އަޅުގަނޑުމެންގެ ޢަޤީދާގެ ވަރުގަދަކަމާއި ސާފު އީމާންތެރިކަންކަމަށް ވިދާޅުވިއެވެ. އެކާރިސާގެ ބިރުވެރިކަމުން ހިތްތަކަށް ހަމަޖެހުން ހޯދައިދިނީ މާތް ﷲގެ އޯގާވަންތަކަމާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަންކަމަށް ވިދާޅުވިއެވެ.

ސުނާމީގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގަތީ ނަމޫނާއެއްގެ ގޮތުގައިކަމަށާއި، ރަށްރަށް ވީރާނާވެ ގެދޮރު ސުންނާފަތިވެގެން ދިޔައިރުވެސް އެހެން ޤައުމުތަކުން ފެނުނުފަދަ ހަމަނުޖެހުންތަކާއި ތަޅާފޮޅުމާއި ބައިބައިވުމެއް ދިވެހީންގެ ތެރެއިން ފެނިގެން ގޮސްފައިނުވާ ކަމަށް މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ދުވާފަރަކީ މިފަދަ ދުވަހަކާއި އެއްގޮތަށްވުރެ ގިނަ ގޮތުން ގުޅިފައިވާ ރަށެއްކަމާއި އެގޮތުން ދިވެހިން ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިޔުމުން ދިވެހިންގެ ދީނާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދިވެހިންގެ މިނިވަންކަން އަލުން ހޯއްދެވުމަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ދުވާފަރުގެ ޒުވާން ދަންޑެހެލު ވި އަގުހުރި ގުރުބާނީއާއި ހިތްވަރުގެ ހަނދާންތައް މިނިސްޓަރ ވަނީ އާކުރައްވާފައެވެ. އަދި ދުވާފަރަށް ވަޑައިގަތުމުން ދަންޑެހެލުގެ ސިފަތައްކަމަށް ތާރީޚު ބުނެދޭ ކަންކަން ދުވާފަރުގެ ރައްޔިތުންނަށް ވާރުތަވެގެން ގޮސްފައިވާކަން ފެނިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވަނީ ސުނާމީގެ ބިރުވެރި ކާރިޘާގެ ހިތި ހަނދާންތައް އައު ކުރައްވަމުން އެ ދުވަހުގެ ބިރުވެރިކަމުގެ ހަނދާންތައް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައި ހުންނާނެކަން ފާހަގަކުރައްވާ އެއީ ހިތުން ފިލައިގެންދާނެ ހަނދާންތަކެއް ނޫންކަން ފާހަގަކުރައްވާ އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާގެ ވާހަކަތައް ޙިއްޞާ ކުރައްވާފައެވެ.

މަރްޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. އަދި ދުވަހާއި ގުޅޭގޮތުން ދުވާފަރު ސެކަންޑަރީ ސްކޫލްގެ ދަރިވަރު އަސްލާން ވާހަކަދެއްކިއެވެ. މިޖަލްސާގައި ކާރިސާތަކުން އަރައިގަތުމުގައި އެއްބައިވަންތަކަމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދެއްކެވީ ދިވެހި ރެޑްކްރެސެންޓް ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ނޫރާ މުޙައްމަދެވެ. މީގެއިތުރުން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯރިޕޯޓެއް ދެއްކުން އޮތެވެ.

މިޖަލްސާގައި ސުނާމީ ކާރިޘާއާއި ގުޅިގެން ދުވާފަރު ރައްޔިތުން ހާލުގައި ޖެހުނުއިރު އެހީތެރިކަންފޯރުކޮށްދެއްވި ރަށްރަށަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާދެވުނެވެ.