މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖައްސަވައިފި

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ރ. ދުވާފަރުގައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހު ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ.

ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިޖަލްސާގައި އެމަނިކުފާނު ވާހަކަފުޅުދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. މަރްޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވާނީ ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. އަދި ދުވަހާއި ގުޅޭގޮތުން ދުވާފަރު ސެކަންޑަރީ ސްކޫލްގެ ދަރިވަރު އަސްލާން ވާހަކަދައްކާނެއެވެ. މިޖަލްސާގައި ކާރިސާތަކުން އަރައިގަތުމުގައި އެއްބައިވަންތަކަމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާނީ ދިވެހި ރެޑްކްރެސެންޓް ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ނޫރާ މުޙައްމަދެވެ. މީގެއިތުރުން ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯރިޕޯޓެއް ދެއްކުން އޮންނާނެއެވެ.

މިޖަލްސާގައި ސުނާމީ ކާރިޘާއާއި ގުޅިގެން ދުވާފަރު ރައްޔިތުން ހާލުގައި ޖެހުނުއިރު އެހީތެރިކަންފޯރުކޮށްދެއްވި ރަށްރަށަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާދެއްވުން އޮންނާނެއެވެ.

2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީކާރިސާއާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް ބައްލަވައި، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް، ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ނިންމެވުމާއި ގުޅިގެންނެވެ.