ޖަލުތަކުގެ އޯޑިޓް ކޮމިޝަނާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ހެދުމާއިގުޅޭ ކޮމިޝަނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ މިއަދު ބައްދަލުކުރައްވައިފިއެވެ.

7 މެންބަރުންގެ މައްޗަށް ހިމެނޭ މިކޮމިޝަނުގެ ރައީސަކަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމްއެވެ. މީގެތެރޭގައި ހިމެނިވަޑައިގަންނަވާ އެހެންބޭފުޅުންނަކީ ޑރ. ޢަބްދުﷲ އިސްނީން ހިލްމީ، ތެވެލި، ސ.ހިތަދޫ، ޝަހިންދާ އިސްމާޢިލް، މއ.ބޯގަންވިލާ، އަޙްމަދު މުޙައްމަދުފުޅު، ރިހިތަޅާގެ، ރ.ކަނދޮޅުދޫ، އަލްއުސްތާޛާ ޒުލައިޚާ ދާއޫދު، ގ.މާލެހިޔާ 2، އަލްއުސްތާޛާ ޝާދިޔާ އާދަމް، ސާތީ، އދ. ދަނގެތި، އައިމިނަތު ނާހީން އަޙްމަދު، މާބުޅާގެ، ޏ.ފުވައްމުލައްއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިއީ މުޅިމުޖުތަމައުގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ ވަރަށްބޮޑަށް ފަރުވާތެރިކަމާއެކު އަވަހަށް މަސައްކަތްނިންމުމަށް އެދިވަޑައިގަތެވެ. އަދި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފަންނީގޮތުން ޤާބިލު ތަޖުރިބާކާރު ބޭފުޅުންކަމަށާއި އެބޭފުޅުންނާއި މެދު ފުރިހަމަ އިތުބާރާއި ޔަޤީންކަންއޮތްކަން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހްކޮށް ގައިދީންގެ ޙައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.