ޖުމްހޫރީ ފަންސާހާއި ގުޅިގެން ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކޮށްފި

ޖުމްހޫރީ ފަންސާހާއި ގުޅިގެން ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީީ އޮފް ހޯމްއެފެއާޒާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ރޭވަނީ ޙަފްލާއެއް ބާއްވައިފިއެވެ. ދަރުބާރުގޭގައި ބޭއްވި މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިހަފްލާގައި ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިނިވަން ނޫސްވެރިކަމަކީ ޚިޔާލުފާޅު ކުރުމުގެ އެއް އަސާސްކަމާއި އެ ޙަޤީގަތް ޤަބޫލުކުރާ ޙާލު އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ޤާއިމް ކޮށްދޭނެ ކަމުގެ ވަޢުދާއިއެކުމަކަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ނޫސްވެރިންގެ ފާޑުކިއުންތަކަކީ އެމަނިކުފާނު ސަރުކާރުގެ ދިރުން ކަމަށް ފާހަގަކުރައްވާ ސަރުކާރުގެ އައިބުތައް ދެނެގަނެވޭނީ ނޫސްވެރިންގެ ލޯގަނޑުން ސަރުކާރުގެ ފަސްބައި ބެލިވަރަކަށް ކަމަށްވެސް ވިދާޅުވިއެވެ.

މިޙަފްލާގައި ހޯމްމިނިސްޓަރ ވިދާޅުވީ މިނިވަން ނޫސްވެރިކަން ނެތިކޮށްލެވޭ ހިސާބަކީ ހުދުމުޚްތާރު ވެރިކަމެއް ފެށޭ ހިސާބު. އަނިޔާވެރިކަމާއި ހަރުކަށިކަން ފެތުރޭ ހިސާބު. ރައްޔިތުންގެ ޙައްގުތައް ގެއްލި ރައްޔިތުންގެ މުދަލަށް ވާނުވާ ނޭނގިގެންދާ ހިސާބު. މިނިސްޓަރ ވަނީ ނޫސްވެރިންގެ ކިބައިން ތިންކަމަކަށް އެދިވަޑައިގެންފައެވެ. އެއީ ދިވެހި މުޖުތަމަޢުގެ އަޚްލާގިއްޔާތު ހިފެއްހެޓުމަކީ ޤައުމީ ޒިންމާއެއްކަމުގައި ދެކި އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްރުކުން ކަމުގައިވާއިރު، ހެޔޮގޮތުގައި ބަސްބޭނުންކޮށް، ބަސްކުރިއަރުވާ ތަރައްޤީ ކުރުމަށް މަސައްކަތްކޮށްދިނުމަށާއި، ނޫސްވެރިއެއްގެ ހައިޞިއްޔަތުން ކުރާ ކޮންމެ ކަމެއްގައިވެސް ޤައުމުގެ ޢާންމު މަޞްލަޙަތު އޮތީ ކޮންގޮތެއްގައިތޯ ވިސްނާ ފިކުރުކޮށް އެގޮތަށް މަސައްކަތްކޮށްދެއްވުމަށެވެ.

މިޙަފްލާގައި ވަނީ ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރެއްވި އެކި ފަރާތްތަކަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައެވެ. ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބުނު ފަރާތްތަކަށް ޝަރަފުގެ އަލިމަސް ގަލަން އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެގޮތުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމާށާއި، ޑރ. މުޙައްމަދު ޒާހިރު ހުސެއިނަށާއި، އައްބާސް އިބްރާހިމަށާއި، ސީނާ އަޙްމަދު ޒާހިރަށާއި، އަލްއުސްތާޛް އިބްރާހިމް ރަޝީދު މޫސާއަށާއި، ކޮޕީ މުހައްމަދު ރަޝީދުގެ އިތުރުން އަބްދުﷲ ފާރޫޤް ޙަސަން ނޫސްވެރިކަން ކުރިއަރުވައި އެދާއިރާއިން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް ނޫސްވެރިކަމުގެ ޝަރަފްގެ އަލިމަސް ގަލަން ވަނީ އަރުވާފައެވެ.

މީގެއިތުރުން ނޫސްވެރިކަމަށް އަގުހުރި ޚިދުމަތްތައް ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ނޫސްވެރިކަމުގެ ރަން ގަލަންވެސް މި ޙަފްލާގައި ވަނީ އަރުވާފައެވެ. މިޙަފްލާގައި ނޫސްވެރިކަމުގެ ދާއިރާއިންދޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ޢަބްދުﷲ ޞާދިޤްއަށްވަނީ އަރުވާފައެވެ.

ޢަބްދުﷲ ޞާދިޤަށް މި އެވޯޑް އަރުވާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް "އަލިމަސް" ގެ ނަމުގައި ޚާއްޞަ ފޮތެއްވެސް ވަނީ މިޙަފްލާގައި ނެރެފައެވެ.