ދަރުމަވެރިންގެ ދުވަސް

މިއަދަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ދުވަހެވެ. ނުވަތަ ވޮލަންޓިއަރުންގެ ދުވަހެވެ. މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ކޮބައިތޯއެވެ. އާދެ! ދަރުމައަށް ކަންކަން ކުރުމަށް ހިތްވަރު ދިނުމާއި ދަރުމައަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެކަމުގެ ރޫޙާއި ޝައުގުވެރިކަން އުފައްދައި މުޖުތަމައު ހޭލުންތެރި ކުރުމެވެ.

މި ދެންނެވި ކަންކަން ކުރުމަކީ، ވަކި މީހަކަށް އޮތްކަމެއް ނޫނެވެ. އެކަމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކު ވެސް ކުރުން މުހިންމު ކަމެކެވެ. ސަބަބަކީ، މީހަކަށް ހެޔޮކަމަކަށް މަގު ދެއްކުމަކީ، ތިމާއަށް ވެސް އެ ހެޔޮކަމުން މިންވަރެއް ލިބޭނޭ ކަމަކަށް ވާތީ އެވެ. ތިމާގެ ހެޔޮކަމުގެ މީޒާން ބަރުކޮށްލުމުގެ ފުރުސަތަކަށް ވާތީ އެވެ.

ދަރުމައަކީ، ހެޔޮކަމެވެ. ދަރުމަކީ، ސަވާބެވެ. ތިމާގެ ގާތް މީހަކަށް ނުވަތަ ތިމާގެ ރައްޓެއްސަކަށް ނުވަތަ ތިމާގެ ގައުމުގެ މީހަކަށް ނުވަތަ ތިމާފަދަ އެހެން އިންސާނަކަށް އޭނާގެ މުހުތާދެއް ފުއްދައިދީގެން ލިބޭނެ ހެޔޮ ކަމެކެވެ. ސަވާބެކެވެ. އަދި ކޮބައިތޯއެވެ؟ އިންސާނުން ނޫން މަޚުލޫގަކަށް ހެޔޮކަމެއް ކޮށްދިނަސް އެކަން ހާސިލު ކުރެވޭނެ އެވެ. އެހެންކަމުން ދަރުމަ ހޯދުމުގެ ފުރުސަތު މިއޮތީ ވަރަށް ތަނަވަސްކަމާއެކު ފުޅާކޮށެވެ. ދަރުމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އޮތީ ހަމަ އެހެންނެވެ.

ދިވެހީންނަކީ، އަބަދު ވެސް ދަރުމައަށް މަސައްކަތް ކުރުމުގައި ދީލަތި ބައެކެވެ. ދިވެހީންގެ އިޖުތިމާއީ ތާރީޚު މިކަމަށް ހެކިވެ އެވެ. ކަމަކު ޖެހިގެން އުޅޭ ކޮންމެ މީހަކަށް އޭނާގެ އަވަށްޓެރިން އެހީތެރިކަން ފޯރުވައިދެ އެވެ. އެއް ގެއެއްގެ މީހުން އަނެއް ގެއެއްގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދީފައި ވަނީ، އިންތިހާއަށެވެ. ބައެއް ފަހަރު އަމިއްލަ ކަމަކަށްވުރެ ވެސް ބޮޑަށެވެ. މިހާރު ވެސް އެ ރޫހު ނެތެއް ނޫނެވެ. ނަމަވެސް ޒަމާނުގެ ފުރޮޅުންތަކާއެކު ކަންކަން ކުރާގޮތް ތަފާތީ އެވެ. މިހާރު ގެއެއްގެ ވަޅުދިޔަ ހިއްކަން ނުޖެހޭތީ އެވެ. ފުރާޅުގައި ފަންގެލާން ނުޖެހޭތީ އެވެ. މި ނޫން ވެސް މިފަދަ ގިނަ ކަންކަން އަންދުވަހު ކުރަމުން އައި ގޮތާ ތަފާތީ އެވެ.

ރަސްމީ ފެންވަރުގައި ވެސް މި ކަންކަން ހިނގާ ނޫން ތޯއެވެ؟ އެކަމަކު މިއަދު ދަރުމަހަނޑުލެއް، ދަރުމަކާޑެއް، ދެއްވާކަށް ނުޖެހެ އެވެ. އެހެން ނަންނަމުގައި އެކަންކަން ވަރަށް ބާރަށް ހިނގަމުން އެހެރަ ދަނީ އެވެ. އިސްރަށްވެހީންގެ އިނާތުގެ ގޮތުގައެވެ. އާސަންދައިގެ ނަމުގައެވެ. މި ނޫން ވެސް އެތައް ނަމެއްގައެވެ. ޒަމާނުގެ ތަފާތުތަކާއި މުހުތާދުތަކުގެ ފަހަތުންނެވެ.

އެހެންކަމުން އަދުވެސް އެ ސަގާފަތް ދިވެހީން ދިރުވަތެވެ. ކުރެވޭ ކަންކަމުގައި ތަފާތުތަކެއް ހުރި ނަމަވެސް، ކޮށްދެވެނީ އެއް ކަމެކެވެ. ދަރުމައަށް ކޮށްދެވޭ ކަމެކެވެ. ހިތުގެ ސިންދިތާއާއެކު ކޮށްދެވޭ ކަންކަމެވެ. އަދުގެ ތާރީފަށްވުރެ މާދަމާގެ ދަރުމައަށް އެދިއެދި އެވެ. ދަރުމައަށް ކަންކަން ކޮށްދީގެން ފާހަގަ ކުރެވޭ ފަރުދުންގެ ނަންތައް އިވެމުން ފަށްފަށްވަމުން ދެއެވެ.