މިއަހަރުގެ ޤައުމީދުވަހުގެ ޕްރޮގްރާމްތައް ފެށިގެން ކުރިއަށް އެބަދޭ

މިއަހަރުގެ ޤައުމީ ދުވަހުގެ ޕްރޮގްރާމްތައް ފެށިގެން ކުރިއަށް އެބަދެއެވެ. ޤައުމީ ދުވަސް މިއަހަރު ރަސްމީގޮތުން ފާހަގަކުރަމުން ގެންދަނީ ތިލަދުންމަތީ ދެކުނުބުރި އުތީމުގައެވެ. އުތީމުގައި ޤައުމީ ދުވަހުގެ ޕްރޮގްރާމްތައް ފެށުނީ މިއަދު ހެނދުނު 6:00 ގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. އުތީމުގައި ބޭއްވުނު ދިދަނެގުމުގެ ރަސްމިއްޔާތު އޮތީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. މިރަސްމިއްޔާތުގައި އުތީމުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ރަށުގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

މީގެއިތުރުން މިއަދު ހެނދުނު ދުވަހުގެ މުނާސަބަތުގައި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ކުރިއަށް ގެންދެވުނެވެ. އަދި ޤައުމީ ދުވަހާއި ގުޅިގެން ބޭއްވުނު ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު އުތީމު ބަނދަރު ސަރަޙައްދުގައި އޮތެވެ. މިކުޑަކުދިންގެ ހަވީރުގައި ދިވެހި ސިފައިންގެ ޑްރިލް ޑިސްޕްލޭ އައިޓަމެއް ކުރިއަށް ގެންދިއައެވެ.