މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިިފި

53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ޖުލައި 26 ވަނަ ދުވަހުގެރޭ ބާއްވައިފިއެވެ. މިޖަލްސާ އޮތީ ޖުމްހޫރީ މައިދާނުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ މިނިވަންކަމަށް ނުވަތަ އިސްލާމީ ޝަޚްޞަށް އެއްވެސް ގެއްލުމެއް ވެދާނޭ ކަމަކަށް ފުރުޞަތު ނުދިނުމަށް ހޭލާ ތިބެން ޖެހޭ ކަމަށާއި، މިކަންކަން ރައްކާތެރިކުރުމުގައި އަންނަ ގޮންޖެހުންތަކަށް ވަރަށް ސާބިތުކަމާއިއެކު ކުރިމަތިލާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި މިނިވަންކަމުގެ ހަޤީޤީ މާނައަކީ އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ، އަމިއްލައަށް ބަސްބުނެ، ގޮތް ނިންމުމުގެ ފުރިހަމަ އިޙްތިޔާރު ލިބިފައިވުންކަމަށާއި އަދި މިއީ 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީގެ ޒަމާންކަމަށާއި، ކަނޑިބަޑިން ކުރާ ހަނގުރަމާއަށްވުރެ، ފިކުރީގޮތުން އެކި ޤައުމުތަކުގެ މެދުގައި މިއަދު ކުރާ ހަނގުރާމަ މާ ނުރައްކާތެރިވެފައި ބިރުވެރިވާނެކަމުގައެވެ. އެގޮތުން ކުދި ޤައުމުތަކުގެ އިންފާރުތައް ވައްޓާލާ، ބޭރުގެ ނުފޫޒުތަކުން އެކިގޮތްގޮތުން އެ ޤައުމުތަކުގެ ކަންކަން އެފުށް މިފުށަށް ޖެހުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މިކަންކަމުން ސަލާމަށްވުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދިނުން އޮތެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު 5 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމު 15 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ، 24 ބޭފުޅަކަށެވެ. މި ފަރާތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 19 ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ 3 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.