މިނިވަންދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ އޮންނާނެ

53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ޖުލައި 26 ވަނަ ދުވަހުގެރޭ މާދަމާރޭ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅުދައްކަވާނެއެވެ. މިރަސްމިއްޔާތުގައ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުން އޮންނާނެއެވެ. މިއިނާމު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މިރަސްމިއްޔާތުގައި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ހަނދާނީ ފައިސާފޮތި ނެރެދެއްވުންވެސް އޮންނާނެއެވެ.

މިއަހަރު މިނިވަންދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖުލައި 27 ވަނަ ދުވަހުގެ ރޭ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރު ޙަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި 2 ވަނަ ދުވަހު ހަވީރު މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޕެރޭޑާއި ރޫޓްމާޗް މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރޫޓްމާޗްގައި އެމް.އެން.ޑީ.އެފްއާއި ސްކޫލްތަކުން އެއްކޮށްލެވިފައި ހެވިކަމާއި ލަޝްކަރު ބައިވެރިވާނެއެވެ.