ޖުމްހޫރީ ފަންސާހާއި ގުޅޭ ކުޑަކުދިންގެ ހަވީރު ބާއްވައިފި

ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމާއި ސިވިލް ސަރވިސްގެ ހިދުމަތަށް ދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުޑަކުދިންގެ ހަވީރެއް އިއްޔެ 4:00 ން 6:00 އަށް ރަސްފަންނު ސަރަހައްދުގައި ބާއްވައިފިއެވެ. މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދެވެ. މިނިސްޓަރ ވަނީ މި ކުޑަކުދިންގެ ހަވީރުގައި ބަހައްޓާފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ސްޓޯލްތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ކުޑަކުދިންގެ ހަވީރުގައި ޖުމްލަ 20 އިދާރާއަކުން ބައިވެރިވެ ވަނީ ސްޓޯލްތައް ބަހައްޓާފައެވެ. މި ސްޓޯލްތަކުގައި ތަފާތު ކުޅިވަރުތައް ކުޅެވެން ހުރުމާއެކު ތަފާތު އިނާމުތައް ލިބުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވި ނަމަވެސް ގިނަ އަދަދެއްގެ ކުދިން މި ހަވީރުގައިވަނީ ބައިވެރިވެފައެވެ.