ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރީޓީ އާދަމް ޝަރީފް ޢުމަރުއެވެ.

މިޖަލްސާގައި ޝަރަފުވެރި މެހްމާން އާދަމް ޝަރީފް ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެކެއް ފެބްރުއަރީގެ ހާދިސާއާއި އަލިރަސްގެފާނު ޝަހީދުކޮށްލި ހާދިސާއާ މާބޮޑު ތަފާތެއްނެތް ކަން ފާހަގަކުރައްވާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތުޢަމަލީގެ ސަބަބުން ޤައުމު ސަލާމާތްކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ، އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ މަސައްކަތް ކުރެއްވިގޮތަށް ކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ޤައުމުތަކަށް ތަރައްޤީއާއި ތަމައްދުން ލިބިގެން އަންނަނީ އެ ޤައުމެއްގައި އޮންނަ އަމަން އަމާންކަމުގެ ސަބަބުންކަމަށާއި ކުރިން އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދިޔަ ރިވެތި އާދަތައް ނެތިގެންދާކަމަށް ފާހަގަކުރައްވާ، މިފަދަ އާދަތަކަކީ މުޖުތަމައުގައި ގެއްލިގެން ނުދާނެފަދަ އާދަތަކަކަށް ހަދާ އެކަމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ޝަހީދުންގެ ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ ކަށިމާ އަޙްމަދު ޝާކިރެވެ. އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެެޖޯރިޓީ ލީޑަރ އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާނު ޙުސައިން މަނިކުވެސް ވާހަކަފުޅު ދެއްކެވިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗްގީނާއި ހަނގުރާމަކުރައްވައި ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުއެވެ.