Ministry of Home Affairs

"ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ފުވައްމުލަކުގައި ބާއްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ފޯރަމެއް ފުވައްމުލަކުގައި ބާއްވައިފިއެވެ. މިފޯރަމް ބޭއްވުނީ މިމަހުގެ 9 ން 10 އަށެވެ. މިފޯރަމަކީ ދިވެހި ޒުވާނުންގެ ތެރެއިން، ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމަށް، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ގުޅިގެން ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއަ ފޯރަމެކެވެ.

ހަތަރު ސެޝަނަކަށް ޚާއްޞަކުރެވިގެން ކުރިއަށް ގެންދިޔަ މިފޯރަމްގައި މަޝްވަރާކުރެވުނު ދާއިރާތަކަކީ އިސްލާމް ދީނާއި، ޒުވާނުން އަދި އިސްލާމް ދީނުގައި ލީޑަރޝިޕާއި ގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރުކަމުގައިވުމުން، ޖުމްހޫރިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާ ގުޅޭ ގޮތުންނާއި ޒުވާނުން އަހުލުވެރިވުން މުޙިއްމު ޤާނޫނުތަކާއި، ޒުވާން ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ދަމަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާއި ގުޅޭ ގޮތުންނެވެ.

މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ލީޑަރުންގެ ގޮތުގައި މުޖުތަމައަށް ނިކުންނަ ޒުވާނުންނަކީ، އަޚްލާޤީ ގޮތުން ރަނގަޅު، އެހެން މީހުންނަށް އިޙްތިރާމްކުރާ އަދި އެހެން މީހުންގެ އިޙްތިރާމް ލިބޭ ބައެއްގެ ގޮތުގައި މުޖުތަމަޢުގައި ކުރިއަށް ދިއުމުގެ މުހިއްމުކަން އަންގާދިނުމެވެ.

މިސެޝަންތައް ނަގާދެއްވީ ދިވެހިބަހުގެ އެކަޑަމީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ބޭފުޅުންނެވެ. މިފޯރަމްގައި ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒާއި ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން 112 ދަރިވަރަކު ބައިވެރިވިއެވެ.