ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ރޭ ބާއްވައިފި

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ރޭ ދަރުބާރުގޭގައި ބާއްވައިފިއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްްދުﷲ ޖިހާދެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމުގައި އެންމެ މުހިއްމު އަސާސްއަކީ ޤައުމިއްޔަތުކަމަށާއި، ޤައުމިއްޔަތު ނިކަމެތިވެއްޖެނަމަ އެ ޤައުމެއް ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެކަމަށާއި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރާއިރު، ޤައުމިއްޔަތުގެ ހަޤީޤީ މަސްދަރާއި، ޤައުމިއްޔަތުގެ އަސާސްތަކާއި، ސިފަތަކާމެދު ކޮންމެ ދިވެހިރައްޔިތަކުމެ ވިސްނާ، ފިކުރުކުރުން މުހިއްމުކަމަށެވެ. އަދި ބަވަނަވެފައިވާ މިފަދަ ދުނިޔެއެއްގައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި، މިނިވަންކަން ދެމެހެއްޓުމުގައި ޤައުމިއްޔަތުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މިނިވަންކަމާއި ތޮޅެން އެތެރެއިންނާއި، ބޭރުން ކުރާ މަސައްކަތްތަކާމެދު ކޮންމެ ދިވެހިރައްޔިތަކުވެސް މިއަދު ވިސްނާ ފިކުރުކޮށް ގޮތެއް ނިންމަންޖެހޭކަމަށްވިދާޅުވެ، އަދި އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު މިނިވަންކަންމަތީ އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދިނީ ޤައުމުގެ އެއްބައިވަންތަކަން ނަގާލައި ބޭރުގެ ފަރާތްތަކަށް ގައުމު ވިއްކާލައިގެން ނޫންކަމަށާއި، ކާބަފައިން އަޅުގަނޑުމެންނާއި ހަމައަަށް މިޤައުމު ގެނެސްދީފައިމިވަނީ މިޤައުމަށް އަޅުގަނޑުމެން ހިތުހުރި ގޮތަކަށް ހަދާ އަމިއްލަ މަންފާއެއް ހޯދުމުގެ މަޤްޞަދުގައި ޤައުމުގެ ދީނާއި މިނިވަންކަން އެހެން ބަޔަކާ ޙަވާލުކުރާކަށް ނޫންކަން ފާހަގަކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތެއްގެ ގޮތުގައި ގެނެސްދިނުމަށްކަމަށް ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އިސްލާމްދީނުގައި އެއްބައިވަންތަކަމަށްދޭ އަހަންމިއްޔަތު އާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ގައުމިިއްޔަތުގެ ބަހާތައް ރައްކާތެރިކުރުމާއި ގައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން މިޖަލްސާގައި ވާހަކަދެއްކެވީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އީމާ ޢަލީ ފިރާގެވެ. މީގެއިތުރުން ބޮޑުރަސްގެފާނުގެ ޚިދްމަތްތަކާގުޅޭގޮތުން ވާހަކަދެއްކެވީ އެމް.އެން.ޑީ.އެފް.ގެ ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ. އަދި ޤައުމިއްޔަތަށް ނޭދެވޭ އަސަރުކުރާ ސަބަބުތަކާއި އެކަމުގެ ޙައްލާބެހޭ ގޮތުން ވާހަކަދެއްކެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރު ޢަލީ އަމީރެވެ.

މިޖަލްސާގައި ސަރުކާރުގެ އެކިއެކި އިދާރާތަކުންނާއި ގިނައަދަދެއްގެ ބޭފުޅުންނާއި ސްކޫލްތަކުގެ ގިނައަދަދެއްގެ ކުދިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރުމަށް ނިންމާ، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި ސިފަތަކާއި، ދީނީ ރޫޙާއި، ޤައުމިއްޔަތުގެ ރޫޙު ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފައްޓަވާފައިވާ ޤައުމީ ކެމްޕެއިން ކަމުގައިވާ "ތަރިކަ" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކުރި ދުވަހާއި ގުޅުވައިގެންނެވެ.