ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސަވައިފި

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖައްސަވާފައިވަނީ 2018 މާރިޗު 06 ވާ އަންގާރަ ދުވަހުގެރޭ ދަރުބާރުގޭގައެވެ.

2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ދުވަހެވެ. މި ދުވަހަކީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްސަދުގައި، 2017 މާރިޗު 6 ވަނަ ދުވަހު "ތަރިކަ" މަޝްރޫޢު އިފްތިތާޙު ކުރެއްވި ދުވަހެވެ. މި ދުވަސް ފާހަގަކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ "ތަރިކަ" މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާއި ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢަކަށްވާތީއެވެ.