"ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ގެ ނަމުގައި ބަހުސެއް ބާއްވަން ހަމަޖެހިއްޖެ

މިއަހަރަކީ ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ އަހަރު ކަމަށްވާތީ، ޖުމްހޫރީ ފަންސާހާއި ގުޅުވައިގެން މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި "ޖުމްހޫރީ ފަންސާސް، ހުރަވީ ބަހުސް" ގެ ނަމުގައި ބަހުޘެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބަހުޘް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2018 ވާ ހުކުރު ދުވަހުގެރެއެވެ. ބަހުސް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމް ހޯލްގައެވެ.

މިބަހުޘްގެ މަޢުޟޫއަކީ "ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އޮތީ ފަރުދުންގެއެވެ". މިމަޢުޟޫއާއި އެއްކޮޅަށް ބަހުޘްކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޭޑެންޓްސް ޔޫނިއަންގެ ދަރިވަރުންނެވެ. މަޢުޟޫއާއި ދެކޮޅަށް ބަހުޘްކުރާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީ.ޑީ.އެސް.އެސް) ގެ ދަރިވަރުންނެވެ.