ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް މިނިސްޓްރީ ހޯމް އެފެއާޒުން ނިންމާފައިވާ ޒުވާނުންގެ މާދިރީ (ނަމޫނާ މަޖިލީސް) އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިގޮތަށް މުއްދަތު އިތުރުކޮށްފައިވަނީ މި މަ ނަމޫނާ މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ ދަރިވަރުންނަށް ދިނުމުގެ ގޮތުންނެވެ.

މި މާދިރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން މިކަމަށް އެދި މިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 22 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00އާ ހަމައަށް ވަނީ އިތުރުކުރެވިފައެވެ. މާދިރީގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

މިމާދިރީގެ މައިގަނޑު މަޤްޞަދަކީ، ޖުމްހޫރިއްޔަތެއްގައި ރައްޔިތުންގެ ބަސްއިއްވާނޭ މަޖިލީހެއްގެ މުހިންމުކަން ދިވެހިރާއްޖޭގެ ޒުވާނުންނަށް އަންގައިދިނުމާއި، ނަމޫނާ ޒުވާން ޖީލެއް ބިނާކުރުމުގައި ރައްޔިތުންގެ މަޖިލީހެއްގެ މުހިންމުކަން މުޖްތަމަޢަށް އަންގައިދިނުމެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ދަށުން، ޒިންމާދާރު ހަރުދަނާ ޒުވާން ލީޑަރުން ބިނާކުރުމާއި، ހުޅުވާލެވިފައިވާ މިނިވަން މާޙައުލެއްގައި ޒުވާނުންގެ ޚިޔާލުތަކާއި ޝުޢޫރުތައް އާންމު ރައްޔިތުންނާއި ހިއްސާކުރުމެވެ.