Ministry of Home Affairs

ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަދިރީ (ނަމޫނާ މަޖިލީސް) އެއް ބޭއްވުމަށް މިނިސްޓްރީ ހޯމް އެފެއާޒުން ނިންމާ އެމަޖީލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިކަމަށް އެދި އާންމުކުރި އިޢުލާންގައިވާ ގޮތުން މިމާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮލެޖް، ޔުނިވަރސިޓީ އަދި ހައިސްކޫލްތަކުގެ ދަރިވަރުންނަށް ލިބޭނެއެވެ. އުމުރުން 18 އަހަރު ފުރި 30 އަހަރު ނުފުރޭ ޒުވާނުންނަށް މިކަމަށް ކުރިމަތިލެވޭނެއެވެ. މިކަމަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ދިވެހި ބަހަށް ދޫ ފަރިތަ، މަޢުލޫމާތު މުއްސަނދި ކުދިންނަށް އިސްކަންދެވޭނެއެވެ.

މިމާދިރީގައި ދިވެހިރާއްޖޭގެ އިންތިޚާބީ ދާއިރާތައް ތަމްސީލުކުރުމަށްޓަކައި ބޭނުންވާ ބައިވެރިން ހޮވެނީ މިކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ދަރިވަރުންގެ މެދުގައި އިންޓަރވިއުކޮށްގެންނެވެ. އަދި މިކަމަށްއެދޭ ދަރިވަރުން ތަޢްލީމު ޙާޞިލްކުރަމުންދާކަމުގެ ލިޔުމާއި އައިޑީކާޑްގެ ކޮޕީއަކާއެކު ހޯމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށެވެ.

މިމާދިރީގެ މައިގަނޑު މަޤްޞަދަކީ، ޖުމްހޫރިއްޔަތެއްގައި ރައްޔިތުންގެ ބަސްއިއްވާނޭ މަޖިލީހެއްގެ މުހިންމުކަން ދިވެހިރާއްޖޭގެ ޒުވާނުންނަށް އަންގައިދިނުމާއި، ނަމޫނާ ޒުވާން ޖީލެއް ބިނާކުރުމުގައި ރައްޔިތުންގެ މަޖިލީހެއްގެ މުހިންމުކަން މުޖްތަމަޢަށް އަންގައިދިނުމެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ދަށުން، ޒިންމާދާރު ހަރުދަނާ ޒުވާން ލީޑަރުން ބިނާކުރުމާއި، ހުޅުވާލެވިަފއިވާ މިނިވަން މާޙައުލެއްގައި ޒުވާނުންގެ ޚިޔާލުތަކާއި ޝުޢޫރުތައް އާންމު ރައްޔިތުންނާއި ހިއްސާކުރުމެވެ.