ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުން

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް އަތުގުޅާލުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ފެށިފައިވަނީ މިއަދު ހެނދުނު 09:15 ގައި ވެލާނާގޭ ސަރަހައްދުން ފެށިގެންނެވެ.

މިއަދު ކުރިއަށްގެންދިޔަ މި އަތުގުޅާލުމުގެ ހަރަކާތުގައިވަނީ 26 ޑިސެންބަރު 2004 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިދިޔަ މީހުންގެ ހަނދާނުގައި 1 މިނިޓްގެ ސުކޫތެއް ގެނެސްފައެވެ. މި ސުކޫތު ގެނެސްފައިވަނީ ރާއްޖެއަށް އެދުވަހު ސުނާމީ އެރިކަމަށް ރެކޯޑު ކުރެވުނު ގަޑި ކަމަށްވާ 09:23 ގައެވެ. މި ސުކޫތަށްފަހު ދުވަހާގުޅޭ ޚާއްޞަ ދުޢާއެއްވަނީ ކޮށްފައެވެ.

ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.