މިއަދަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 9:23 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ހިތާމަވެރި ކާރިސާ އެވެ. މިކާރިސާއަށް މިއަދު މިފުރުނީ 13 އަހަރެވެ. މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެއެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭވަރަށް ހަލާކުވެގޮސްފައިވެއެވެ. އެއީ، ރ.ކަނދޮޅުދޫއާއި، ތ.ވިލުފުއްޓާއި، ދ.ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުންވެސް23 ރަށަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހިތާމަވެރި ކާރިސާގައި ދިވެހީންގެ 82 މީހަކު ވަނީ ނިޔާވެގޮސްފައެވެ. އޭގެތެރޭގައި ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުން ހިމެނެއެވެ. އަދި މި ކާރިޘާގައި ވީނުވީ ގޮތެއް ނޭގި 26 މީހަކު ވަނީ ގެއްލިފައެވެ. ރާއްޖޭގެ އާބާދީގެ 13000 އަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު މުޅިން ސުންނާފަތިވެ ހާލުގައި ޖެހި، ބައެއް ރަށްތައް މުޅިން ހަލާކުވެ ފަޅުވެދިޔައެވެ. ބައެއް ރަށްރަށުން ވަގުތީގޮތުން މީހުން ބާލަން ޖެހުނެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް އެ ކާރިސާގެ ހިތްދަތި އަސަރުތަކާއި ކުރިމަތިލާން ޖެހުނެވެ. ޖުމްލަކޮށް ބަލާނަމަ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅެމުންދިޔަ ކޮންމެ ރައްޔިތަކަށް ސުނާމީ ކާރިސާގެ އަސަރު ނުސީދާގޮތެއްގައި ނަމަވެސް ފޯރާފައިވެއެވެ. އެތައް ބަޔަކު ކާބޯތަކެއްޗާއި ފެނަށް ޖެހުނެވެ. އުނުއަންނާނެ އެއްޗެއް ނުލިބި މުޅި އުމުރުގައި ކުރި ބުރަ މަސައްކަތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަނޑުގެ ރާޅުތަކާއެކު ގެންގޮސް މާދުރަށް ގެއްލިގެން ދިޔައެވެ. ގާތްތިމާގެ އެތައް ބަޔަކު އެކާރިސާއާއި ގުޅިގެން ވަކިވެ ދިޔައެވެ.

މިކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ދިވެހި ލޮބުތި ރައްޔިތުން އެދުވަހު ވެދެއްވި އެހީތެރިކަމާއި ދެއްވި އެއްބާރުލުމަކީ ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް އަޅުގަނޑުމެން ފެނިފައިނުވާފަދަ އެކުވެރި ކަމަކާއި އެއްބާރުލުމެކެވެ. މީހުން ސަލާމަތްކުރުމުގައި ރަށުގެ ރައްޔިތުން ދެއްކި އެކުވެރިކަމެވެ. އެހީތެރިވުމުގައި ޖެހިގެން އޮތް ރަށުގެ ރައްޔިތުން ދެއްކި ސާބިތުކަމެވެ. ވެވުނު މިންވަރަކުން އެހީވުމުގައި ދިވެހި ކޮންމެ ރައްޔިތަކު ވެދިން ދީލަތި އެހީތެރިކަމެވެ. ތިމާގެ ހާލަތަށް ބެލުމެއް ނެތި ކޮންމެ މީހަކުވެސް އަނެކެއްގެ މުހުތާދުތައް ފުއްދައިދިނުމުގައި ޤައުމީ ރޫޙާއެކު އުޅުނު އުޅުމެވެ. މިއިން ކޮންމެ މަންޒަރަކީ ދިވެހީންގެ އަޚްވަންތަކާއި، އެއްބައިވަންތަކަން ދައްކުވައިދިން އުފާވެރިކަމުގެ ކަރުނައިން މުޅި ދެލޯ ތެންމާލި މަންޒަރެކެވެ.

އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް ބައްލަވައި، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މިގޮތުން ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރެވިފައިވަނީ 2005 ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. އެދުވަހުގެ އެންމެ ޚާއްޞަކަމަކަށް އޮތީ 26 ޑިސެމްބަރ 2004 ވީ އާދީއްތަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާނާއި، ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ރޫޙު ރަމްޒުކޮށްދޭ ހަނދާނީ ބިނާގެ ބިންގާ އެޅުއްވުމެވެ.