ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އަތުގުޅާލުމުގެ ހަރަކާތެއް ބާއްވަނީ

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އަތުގުޅާލުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 26 ޑިސެންބަރ 2017 ވަނަ ދުވަހު ހެނދުނު 09:00 ގައި މި ހަރަކާތް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މާލޭގައި މި އަތުގުޅާލުން އޮންނާނީ ވެލާނާގޭ ސަރަހައްދުން ފެށިގެންނެވެ. އަތޮޅުތަކުގައި މިހަރަކާތް އޮންނާނީ އެރަށެއްގެ ރަށު ކައުންސިލުން ކަނޑައަޅާ ސަރަހައްދެއްގައެވެ.

މި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި މިނޫންވެސް އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މި އަތުގުޅާލުމުގެ ހަރަކާތުގައި 26 ޑިސެންބަރ 2004 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިދިޔަ މީހުންގެ ހަނދާނުގައި 1 މިނިޓްގެ ސުކޫތެއް ގެނައުމާއި ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮންނާނެއެވެ.

26 ޑިސެންބަރ 2004 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއަކީ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބައެއްގެ ފުރާނައާއި ގެދޮރު ގެއްލިގެންދިޔަ ހިތާމަވެރި ކާރިޘާއެކެވެ. އެދުވަހު ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަން ފާހަގަކޮށް ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.