ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ބާއްވައިފި

ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައި ބާއްވައިފިއެވެ. މި ޖަލްސާގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙްމަދެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ.

ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި އިސްލާމީ ޝަހުސިއްޔަތު ރައްކާތެރި ކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުވަނީ މިސަރުކާރުން ދީނީ ތަޢުލީމަށްދޭ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ.

ޝަރަފުވެރި މެހެމާނުގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު މި ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

މި ޖަލްސާގައި ވަނީ ދުވަހާގުޅޭ ޚާއްޞަ ފޮތެއް ނެރެދެއްވާފައެވެ. މިފޮތް ނެރެދެއްވީ ޝަރަފުވެރި މެހްމާން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. މީގެ އިތުރުން ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވަނީ ދައްކާފައެވެ.