ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ޚާއްޞަ ދުޢާއެއްކޮށްފި

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން މިރޭ މަޣުރިބު ނަމާދަށްފަހު ޚާއްޞަދުޢާއެއްކޮށްފިއެވެ. މިދުޢާގައި ދިވެހި ދަޢުލަތަކީ އިސްލާމީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ތާއަބަދު ލެއްވުމާއި، ދިވެހި ފަސްގަނޑުން އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވުމަށާއި، މުޖުތަމައުގެ އަމަންއަމާންކަމަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ދިވެހިން ލެއްވުމަށާއި ފިތުނަ ފަސާދައާއި ނަފުރަތާއި ރުޅިވެރިކަމުން ހިތްތައް ސަލާމްތަވެފައި ތިބި ބަޔަކުކަމުގައި އެންމެހާ މުސްލިމުން ލެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ. މިދުޢާ އިސްވެކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ނާއިބު އައްޝައިޚު އިބްރާހީމް އަޙްމަދެވެ.

މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރި މަޣުރިބް ނަމާދުގެ ޖަމާޢަތުގައި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައެވެ.