ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ސަރުކާރުން ދެއްވައިފި

ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 10 ޖަމްޢިއްޔާއަކަށް 1.7 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ. މިއެހީ ސަރުކާރުން ޖަމްޢިއްޔާތަކާ ޙަވާލުކޮށްދެއްވީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭޢްވި ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 69 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މިޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާފައިވާ 5 މެންބަރުންގެ ކޮމިޓީއަކުންނެވެ. ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލަށް ބަލާ %95 އަށްވުރެ މަތިން މާކްސް ހޯދި 10 ޖަމްޢިއްޔާއަކަށް މިފައިސާގެ އެހީދެވުނެވެ.

މިފައިސާގެ އެހީލިބުނު ޖަމްޢިއްޔާތަކަކީ ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވާސް، ދައުވާ ފައުންޑޭޝަން، ކްލަބް ޕޯލްސްޓަރ، ޖަމްޢިއްޔަތުލް އަންވާރު، ޖަމްއިއްޔަތުލް އިއްތިހާދު، ތުރާކުނު އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ، ކެލާ ޔޫތު ފޯރަމް، ހިރިލަންދޫ ޒުވާނުންގެ ޖަމްޢިއްޔާ، އަނގޮޅީ ތީމު ކުރިމަގުގެ ރޫޙު (އާކުރި)، ނައިފަރު ޖެވުނައިލްއެވެ.

ފައިސާގެ އެހީ ދިނުމުގައި ބަލާފައިވަނީ ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި، ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުން ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އެއްބައިވަންކަމާއި ޤައުމީ ރޫޙު ދިރުވުމަށް ކުރެވޭ ކަންކަމުގެ އިތުރުން ރަށް/އަތޮޅު/ސިޓީގެ ތަރައްޤީއަށް ކުރެވޭ އެހެނިހެން ކަންކަމަށެވެ.