ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި ދިރިއުޅުމުގެ ހުނަރުތައް އުނގައްނައިދޭ ފެސިލިޓޭޓަރުން ތަމްރީނުކުރުުމުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށްް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަރުދަނާ މައިންބަފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި ދިރިއުޅުމުގެ ހުނަރުތައް އުނގައްނައިދޭ ފެސިލިޓޭޓަރުން ތަމްރީނުކުރުުމުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށްް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ރޭ ޝީ ބިލްޑިންގްގައި ބާއްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރވަނީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމާއި ބެހޭގޮތުން ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތައް އަބަދުވެސް ހިންގަންޖެހޭކަމާއި ރާއްޖޭގެ ނިސްބަތުން ޕޭރެންޓިންގ ސްކިލް އެނގޭމީހުންނާއި ދަސްކޮށްގެން ތިބިމީހުން މަދުކަން ފާހަގަކޮށް، މައިންބަފައިންނަށް ކަމާގުޅޭ ގިނަ ޢިލްމުތައް އެނގުނުވަރަކުން ދަރިން ތަރުބިއްޔަތުކުރުމުގައި ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްއިން ހިންގާ މިޕްރޮގްރާމްގެ މަޤްޞަދަކީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމާއި ޢާއިލީ ގުޅުންތައް ހަރުދަނާކުރުމާއި، ކުދިން ތަރުބިއްޔަތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ. މިގޮތުން ކުދިންނަށް ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށް އެހީތެރިވުމުގެ ހުނަރާއި، ކުދިންގެ ފަރާތުން ފާހަގަކުރެވޭ ހިތްހަމަނުޖެހޭ އުޅުމަަށް ކުރިމަތިލުމުގެ ހުނަރާއި، މައިންބަފައިން ޤަބޫލުކުރާ މިންގަނޑުތަކާއި އުޞޫލުތަކާއި، ކުދިން ޤަބޫލުކުރާ އުޞޫލުތަކާއި ފުށުއަރާ ޙާލަތްތަކުގައި މައްސަލަ ޙައްލުކުރާނެ ހުނަރު ދަސްކޮށްދިނުމެވެ. މިޕްރޮގްމާތައް ފުރިހަމަކޮށް 42 ފަރާތަކުންވަނީ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.