ޤައުމީ ދުވަހުގެ ޕްރޮގްރާމްތައް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ކުރިއަށް އެބަދޭ

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ.އުތީމުގައި ކުރިއަށް ގެންދާ ޕްރޮގްރަމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ރަސްމިއްޔާތައް ފެށިގެން ދިޔައީ ރޭ 8:00 ގައި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ. މީގެ އިތުރުން ޤައުމީ ދުވަހާއި ގުޅިގެން ބޭއްވުނު ޖަލްސާ އޮތީ މިއަދު ހެނދުނު 9:00 ގައި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. މިޖަލްސާ އުތީމުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުންނާއި، އަދި ސްކޫލްކުދިންނާއި، އުތީމުގެ ކަމުވޮށިވެގެންވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙްމަދެވެ. މި ޖަލްސާގައި އުތީމު ކައުންސިލްގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު އަލްފާޟިލް މޫސާ ފަތުޙީ އާދަމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާ ފެށުމުގެ ގޮތުން ކީރިތިޤުރުއާން ކިޔެވީ ޣާޒީ ބަންޑާރައިން ސްކޫލްގެ ދަރިވަރެއް ކަމުގައިވާ މުޙައްމަދު އައިލަމް ޢަބްދުﷲ އެވެ. އެއަށްފަހު ކިޔެވި އާޔަތްތަކުގެ ތަރުޖަމާ ކިޔައިދިނީ ޢާޒީ ބަންޑާރައިން ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ޙައްވާ ރާނިއާ އެވެ. މި ޖަލްސާގައި ބާރަށު ސްކޫލް ދަރިވަރެއް ކަމުގައިވާ މަރްޔަމް ލީނާ އާއި، މަދަރުސަތުލް ޝަހީދު ޢަލީގެ ދަރިވަރެއް ކަމުގައިވާ މައިޝާ ޢަބްދުލްޤާދިރުގެ ވާހަކަ ދެއްކުން އޮތެވެ.

މި ޖަލްސާގައި ޝަރަފުވެރި މެހްމާން އައްޝައިޚް އިބްރާހީމް އަޙްމަދުގެ ވާހަކަފުޅުގައި ޤައުމީ ދުވަހެއްގައި ޤައުމުދެކެ ލޯބިވުމުގެ އެންމެ މުހިންމު ކަމަކަށްވާންވީ ދީނަށް ކަމޭހިތަށް ދަރިންނަށް ދަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރަސޫލާގެ ހަދީޡްފުޅުތަކުން ޤައުމީ ލޯބީގެ މިސާލުތައް ނަންގަވާ ދީނީ ބައެއް ކަންތައްތައް ފާހަގަ ކުރެއްވިއެވެ.

މިޖަލްސާގައި ދުވަހާގުޅޭ ޅެން ހުށަހަޅައިދިނުންވެސް ކުރިއަށް ގެންދެވުނެވެ. މި ޖަލްސަ ނިމިގެން ދިޔައީ ޤައުމީ ސަލާމުންނެވެ.

މީގެ އިތުރުން މިއަދާއި މިރޭވެސް ޤައުމީ ދުވަހާގުޅޭ ޚާއްޞަ ޕްރޮގްރާމްތައް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.