ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ

މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 1 ރަބީޢުލްއައްވަލް 1439، 18 ނޮވެމްބަރ 2017 (ޤައުމީވިލޭރޭ، ހޮނިހިރުދުވަހުގެރޭ) 8:00 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެއެވެ. އަތޮޅު ތަކުގައި ދިދަ ނަންގަވައިދެއްވާނީ އެރަށެއްގައި ހުންނަވާ ސަރުކާރުގެ އެންމެ އިސް ވެރިއެކެވެ. ދިދަ ނެގުން އޮންނާނީ އެރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިމާރާތެއްގައެވެ.

މާލޭގައި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި ކުރާ ފަތިސް ނަމާދުގައި މާލޭގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުން ބައިވެރިވާނެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އޮންނާނީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހު ހއ. އުތީމުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ބާއްވާ ޚާއްސަ ޖާފަތެއް ހަމައެދުވަހުގެ މެންދުރު އޮންނާނެއެވެ. އަދި ހަވީރު 04:00 ގައި އިހަވަންދޫ ސްކޫލާއި ކެލާ ސްކޫލް ބައިވެރިވާ ޤައުމީ ދުވަހުގެ ޚާއްސަ ބަހުޘެއް ހއ. އުތީމުގައި އޮންނާނެއެވެ. މީގެ އިތުރުން އެރޭ 08:30 ގައި ސްކޫލު ދަރިވަރުންނާއި ޢާންމުންގެ ފަރާތުން ޤައުމީ ޅެން ހުށަހަޅައިދިނުން ހއ. އުތީމުގައި އޮންނާނެއެވެ.

2 ރަބީޢުލްއައްވަލް 1439، 20 ނޮވެމްބަރ 2017 ވަނަ ދުވަހުވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އެދުވަހު ހަވީރު 4:30 ގައި ކުޑަކުދިންގެ ހަވީރަކާއި ރޭގަނޑު އުތީމު ޒުވާނުންގެ ޘަޤާފީ ބައިބަލާ ކުޅުން އޮންނާނެއެވެ.