ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވައިފި

ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮތީ މިރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދުވެސް މިޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމާ ރައްޔިތުންގެ ޙާލަތު އެނގޭ މީހަކު ޤައުމުގެ ވެރިކަމަށް އިސްކޮށްފިނަމަ އޭގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސާބިތުކޮށްދެއްވާފައިވާ ކަމަށާއި ވެރިކަމަކީ ރައްޔިތުންގެ ކިބައިން އަންނަ އެއްޗަކަށްވާއިރު ރައްޔިތުން ޤައުމަށް އިންތިޚާބުކުރާ ވެރިއަކީ ރައްޔިތުންނާއި އެކީގައި އުޅޭ ރައްޔިތުންގެ ކަންކަން ތަޖުރިބާކޮށްފައިވާ ވެރިއަކަށްވާންޖެހޭނެކަމަށް ވިދާޅުވިއެވެ.

މިއަހަރު ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ ދެބޭފުޅަކަށެވެ. އަދި ހިތްވަރު ދިނުމުގެ އިނާމު 24 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. މަތީދަރަޖަ ހޯދާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 23 ބޭފުޅަކަށާއި 1 ޖަމްޢިއްޔާއަކަށް ލިބިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮއްގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ޙާފިޡުންނަށާއި، 2016 ވަނަ އަހަރުބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ޙާސިލުކުރި ދަރިވަރުންނަށާއި، 2017 ވަނަ އަހަރުބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާމެޑެލްވެސް މިރަސްމިއްޔާތުގައި ދެއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 2 ސްކައުޓަކަށާއި ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް ވެސް ވަނީ ޝަރަފުވެރިކަމުގެ އިނާމު ދެއްވާފައެވެ.