މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގެ ސްކޫލް މަދަރުސާތަކުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގެ ސްކޫލް މަދަރުސާތަކުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ސްކޫލްތަކުގައި ދުވަހާގުޅޭ ޚާއްޞަ އެސެންބްލީތަކާއި، އަދަބީ ބައެއް މުބާރާތްތަކާއި، އަދި ޤައުމީ ދިދަ ކުރެހުން ފަދަ ކަންތައްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުންދަނީ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހުގެ ގޮތުގައެވެ. 3 ނޮވެންބަރު 1988 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއެކެވެ.

މިޙަމަލާގައި އެއްވެސް ކުށެއްނެތް 19 ދިވެހިންގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވެއެވެ. އެއީ ޢާންމުންގެ 11 މީހުންނާއި ދިވެހި ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލެކެވެ. އަދި މިޙަމަލާގައި 39 ދިވެހިންވަނީ ޒަޚަމްކޮށްލާފައެވެ.