މިއަދަކީ ނަޞްރުގެ ދުވަސް

މިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. އާދެ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއެކެވެ. މިޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. ނޮވެންބަރު 3 ގެ މިޙާދިޘާގައި އެއްވެސް ކުށެއްނެތް 19 ދިވެހިންގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވެއެވެ. އެއީ ޢާންމުންގެ 11 މީހުންނާއި ދިވެހި ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލެކެވެ. އަދި މިޙަމަލާގައި 39 ދިވެހިންވަނީ ޒަޚަމްކޮށްލާފައެވެ.

ދުޝްމަނުން އެދުވަހުގެ ސިފައިންގެ ހެޑްކުއާޓަރަށް ތިން ދިމާއަކުން ހަމަލާތައް ދެމުން ގެންދިޔައެވެ. އެއީ ސިފައިންގެ ކުރިމަތިން މައިގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނުދެކުނު ކަންމަތިންނެވެ.

ނޮވެންބަރު 3 ގެ ޙަމާލާ ނާކާމިޔާބު ކޮށްލުމުގައި އެންމެކުރީ ސަފުގައި ހުންނެވީ ހދ.ކުޅުދުއްފުށީގެ ހިތްވަރުގަދަ ބަޠަލެކެވެ. އެއީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމެވެ. އެންމެ 20 އަހަރުގެ އެ ޒުވާނާ އެދުވަހު އެއްވެސް އަމިއްލަ އެދުމެއްނެތި އޭނާގެ ފުރާނަ ހިބަކޮށްދެއްވީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މި ލޮބުވެތި ވަޠަނަށްޓަކައެވެ. ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުވަންދެން ތަމަޅަ ހަނގުރާމަވެރިން އެދުވަހު މާލެގައި ޙަމަލާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއިރު ހަނގުރާމަ ވަނީ މައިތިރިވެފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހުނެވެ. އެދުވަހު އެންމެ މަތިވެރި ޖިހާދެއް ކުރެއްވީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ދިވެހި ސިފައިންނާއި، ޤައުމަށް ހެޔޮއެދޭ ދިވެހި ލޮބުވެތި ރައްޔިތުންނެވެ.

ބާޣީން ބަލިވުމާއި ގުޅިގެން ރާއްޖޭން ފިލުމަށްޓަކައި މާލެ ބަނދަރުގައި އޮތް ބޯޓެއް ކަމަށްވާ "ޕްރޮގްރެސްލައިޓް" އަށް އަރައިގެން ފިލަން ދިޔައިރު ދިޔައީ ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެންނެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްލާފައެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ހަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲ ގެ ރަޙުމަތުން ނަޞްރު ލިބުނީއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމަލާތަކުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުންކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ.

ހިތާމައަކީ މިއަދުވެސް ދިވެހީންގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި، ދީނަށް ޢަދާވަތްތެރިވާ މަދުބަޔަކު ނަމަވެސް އުޅެމުންދާކަމެވެ. މިހާރުވެސް އިސްލާމްދީން ނޫން ދީންތަކަށް މިޤައުމުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރާ ދިވެހީން މަދުންނަމަވެސް އެބަމަސައްކަތްކުރެއެވެ.

ދިވެހީންގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ޤައުމީ ރޫޙު އާލާކޮށް ދިރުވައި އިސްލާމީ ވަޙުދަތު ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ ތަރިކަ މަޝްރޫޢަކީ މިއަދުގެ ސަރުކާރުން މިކަންކަން ދިފާޢު ކުރައްވާނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވަނީ ޙަމަލާއަށް މިއަހަރު މިފުރުނީ 29 އަހަރެވެ.