ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެމްބަރ 11 ވަނަ ދުވަހުގެރޭ އޮންނާނެ

މިއަހަރު ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރ 11ވާ ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ. ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، ކުރިން ހަމަޖެހިފައި އޮތީ ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަހުގެ ޖަލްސާ އެއް ޖަލްސާއެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެންނަމަވެސް މިހާރު މި ދެ ދުވަސްވެސް ވަކިވަކިން ފާހަގަކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޖުމްހޫރީދުވަހުގެ ޖަލްސާގައި، ސަރުކާރުން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވުން އޮންނާނެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު މިއަހަރު ހާސިލުކުރެއްވި ޙާފިޡުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ދެއްވުންވެސް އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މިއަހަރު މިފާހަގަ ކުރެވެނީ ދިވެހިރާއްގޭގެ ޖުމްހޫރިއްޔަތަށް49 އަހަރު ފުރޭ ޖުމްހޫރީދުވަހެވެ.