"ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މަސައްކަތު ބައްދަލުވުމެއް ޅ. އަތޮޅުގައި ފެށުމަށް ހަމަޖެހިއްޖެ

"ޒިންމާދާރު ރައްޔިތުން ބިނާކުރުން" މިނަމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ޅ. އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ފެށުމަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 18 އިން 19 އަށް ޅ. ނައިފަރުގައި ބާއްވާ މި މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް އަލްފާޟިލާ ފާތިމަތު ޝީރީން ޢަބްދުﷲ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި މި މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެންޖީއޯ ރަޖިސްޓްރޭޝަން ސެކްޝަނުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ، މިނިސްޓްރީ އިސްލާމިކް އެފެއާޒް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ނޭޝަނަލް ޑްރަގް އޭޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިއިދާރާތަކުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތު ބައްދަލުވުން އަމާޒު ކުރެވިފައި ވަނީ ޅ.އަތޮޅު ރަށްރަށުގެ ކައުންސިލްއިދާރާތަކުގެ އިސްބޭފުޅުންނާއި އެއަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންނާއި، ޖެންޑާ އެންޑް ފެމިލީގެ ބޭފުޅުންނާއި، ސުކޫލްތަކާއި އަދި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 38 ފަރާތަކުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިދަތުރުގައި ޖަމްޢިއްޔާތަކުގެ ހާލަތު ބެލުމުގެ ގޮތުން މި މަހުގެ 20 ން 21 އަށް ޅ.އަތޮޅުގެ ކުރެންދޫ އަދި ހިންނަވަރަށް ދަތުރުކޮށް، އެރަށްރަށުގެ ޖަމްޢިއްޔާތަކާއި ބައްދަލުކޮށް އެ ޖަމްޢިއްޔާތަކުން ކޮށްފައި ހުރި މަސައްކަތްތައް ބަލައި އެ ޖަމްޢިއްޔާތަކަށް ދިމާވާ ދަތިތަށް އޮޅުންފިލުވާ މަޝްވަރާކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.