ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް 3 މިލިއަން ރުފިޔާގެ އެހީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދެއްވައިފި

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން 14 ރަށަކަށް 3 މިލިއަން ރުފިޔާގެ ފައިސާގެ އެހީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 51 ރަށަކުން 78 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މިޕްރޮޕޯސަލްތައް މިނިސްޓްރީން އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކްސް ހޯދި 14 ރަށަކަށް މިފައިސާގެ އެހީދެވުނެވެ.

މިފައިސާގެ އެހީލިބުނު ރަށްތަކަކީ ހއ. ތުރާކުނު ކައުންސިލްގެ އިދާރާ، ށ. ފުނަދޫ ކައުންސިލްގެ އިދާރާ، ބ. މާޅޮސް ކައުންސިލްގެ އިދާރާ، ބ. ތުޅާދޫ ކައުންސިލްގެ އިދާރާ، ކ. ގުރައިދޫ ކައުންސިލްގެ އިދާރާ، މ. މުލައް ކައުންސިލްގެ އިދާރާ، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ، ފ. ފީއަލި ކައުންސިލްގެ އިދާރާ، ހއ. ކެލާ ކައުންސިލްގެ އިދާރާ، ހއ. ވަށަފަރު ކައުންސިލްގެ އިދާރާ، ބ. ދަރަވަންދޫ ކައުންސިލްގެ އިދާރާ، ތ. ހިރިލަންދޫ ކައުންސިލްގެ އިދާރާ، ގއ. ނިލަންދޫ ކައުންސިލްގެ އިދާރާ، އދ. ފެންފުށި ކައުންސިލް އިދާރާއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ބޭއްވި މިރަސްމިއްޔާތުގައި ކައުންސިލްތަކާއި ފައިސާގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ.

މިފައިސާގެ އެހީން ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވަނީ، މަގުބައްތި ޖެހުމާއި، ނެރުބައްތި ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި އަދި ގަބުރުސްތާނުގެވަށާފާރު ރޭނުމުގެ މަސައްކަތެވެ.

މިރަސްމިއްޔާތުގައި ފައިސާލިބުނު ދާއިރާތަކުގެ މަޖިލީސްމެންބަރުންނާއި ކައުންސިލް އިދާރާތަކުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.