މިނިސްޓްރީގެ ޓީމެއް ގދ. އަތޮޅުގެ ތިންރަށަކަށް ދަތުރުކުރުމަށް ހަމަޖެހިއްޖެ

ކްލަބް ޖަމްޢިއްޔާތަށް ހަރަކާތްތެރިކުރުވުމާއި، މިނިސްޓްރީން އެހީދީފައިވާ ޖަމްޢިއްޔާތަކުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް މޮނިޓަރ ކުރުމުގެ މަޤްސަދުގައި ގދ. ގެ ތިން ރަށަކަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ޓީމެއް ދަތުރެއް ކުރުމަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 5 އިން 7 އަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ ތިނަދޫ، ހޯނޑެއްދޫ އަދި ފިޔޯރީއަށެވެ.

މި ދަތުރުގައި ޖަމްޢިއްޔާތަކަށް އެހީދޭ ޕްރޮގްރާމްގެ ދަށުން ޕްރޮޖެކްޓް ހިންގަމުންދާ އެއަތޮޅު ހޯނޑެއްދޫ އަދި ފިޔޯރީ ޖަމްޢިއްޔާގެ ޕްރޮޖެކްޓް މޮނިޓަރ ކުރެވޭނެއެވެ. މީގެ އިތުރުން، މިދަތުރުގައި އެރަށްރަށުގެ ކައުންސިލްގެ އިތުރުން އެންޖީއޯތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ޝަކުވާތައް އަޑުއަހައި ކަންކަން ހައްލުކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށް، ކައުންސިލްތަކާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.