ޖަމްއިއްޔާތަކުގެ ޤާނޫނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފަށައިފި

ޖަމްޢިއްޔާތަކުގެ ޤާނޫނު އެކުލަވާލާ އެޓާނީޖެނެރަލް އޮފީހަށް ފޮނުވުމުގެ ކުރިން ކަމާގުޅޭ ދާއިރާތަކާއެކު ބާއްވާ މަސައްކަތު ބައްދަލުވުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު ފަށައިފިއެވެ. މިމަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޔޫސުފް ޢަބްދުލް ޣަފޫރުއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޖަމްޢިއްޔާތަކާ ބެހޭ ގާނޫނު އިޞްލާޙުކޮށް ވީހާވެސް ފުޅާދާއިރާއެއްގައި ޖަމްއިއްޔާތަކަށް ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމެވެ. ޖަމްޢިއްޔާތަކުގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރެވުނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގައެވެ.

މިބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގޮތުން ޖަމްޢިއްޔާ ތަކުގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިބައްދަލުވުން އޮތީ ކަސްޓަމްސް ބިލްޑިންގްގައެވެ.