މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބޭއްވުމުގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަށް ހޯމްމިނިސްޓްރީން ޝުކުރު އަދާކޮށްފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރަސްމީ ކުޅިވަރުތައް ބޭއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޝުކުރު އަދާކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. މިކަމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެފަރާތްތަކަށް ޝުކުރުއަދާކޮށް ހަނދާނީ ލިޔުންދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދާއި އަދި އޮފީހުގެ އިސްވެރީންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި މިޙަރަކާތްތައް އެހާ ފުރިހަމަކޮށްގެންދިއުމުގައި ސްކޫލުތަކުން ދެއްވި އެއްބާރުލުން ވަކިވަކިން ފާހަގަކުރައްވާ އެސްކޫލްތަކުގެ އިސްވެރިންނަށް ޓީޗަރުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުދެންނެވިއެވެ. އަދި މީގެއިތުރުން މިކަމުގައި އެހީތެރިވެދެއްވި ހުރިހާ މިނިސްޓްރީތަކަށާއި ކެޑޭޓްކޯއަށާއި އަދި އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް މިނިސްޓަރ ޝުކުރުދެއްނެވިއެވެ.

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރު އައިޓަމްތައް ހުށަހަޅައިދިނީ މާފަންނު މަދުރަސާ، ކަލާފާނު ސްކޫލް، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ތާޖުއްދީން ސްކޫލް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.