ސަރުކާރުން އެހީދެވުނު ޖަމްޢިއްޔާތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު މޮނިޓަރކުރުމުގެ ގޮތުން މިނިސްޓްރީގެ ޓީމެއް ބ. ޅ އަތޮޅަށް ފުރައިފި

ސަރުކާރުން އެހީދެވުނު ޖަމްޢިއްޔާތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު މޮނިޓަރކުރުމުގެ ގޮތުން މިނިސްޓްރީގެ ޓީމެއް ބ. އަދި ޅ. އަތޮޅަށް މިއަދު ފުރައިފިއެވެ.

2016 ވަނަ ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުންވަނީ ދީފައެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 128 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މިޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް، ޔޫ.އެން.ޑީ.ޕީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގެ ބޭފުޅުން ހިމެނޭ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލަށް ބަލާ %95 އަށްވުރެ މަތިން މާކްސް ހޯދި 13 ޖަމްޢިއްޔާއަކަށް މިފައިސާގެ އެހީދެވުނެވެ.

މިފައިސާގެ އެހީލިބުނު ޖަމްޢިއްޔާތަކަކީ ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިޔުނިޓީ އެމްޕަވަރމަންޓް (ގދ.ފިޔޯރ)، ހެނބަދޫ ޖޯޝް ޖަމްޢިއްޔާ (ނ.ހެނބަދޫ) ދޮންފަނު ޒުވާނުންގެ ރޫޙް (ބ.ދޮންފަނު)، އިކޯ ޔޫތު (ޅ.ނައިފަރު)، ވިމެން އެންހޭންސްމަންޓް (ލ.ފޮނަދޫ)، ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން (މ.ދިއްގަރު)، އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް (ކ. މާލެ)، މަހިބަދޫ ސްޕޯޓްސް ކްލަބް (އދ.މަހިބަދޫ)، މާޅޮސް ރިކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (ބ.މާޅޮސް)، ޖަމްޢިއްޔަތުލް އަންވާރު (އދ.ދަނގެތި)، ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާ (މ.ދިއްގަރު)، ޖަރނީ (ކ. މާލެ)، ހުވަދޫ އެއިޑް (ގދ.ހޯޑެއްދޫ)އެވެ.

ފައިސާގެ އެހީ ދިނުމުގައި ބަލާފައިވަނީ ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަމްޢިއްޔާގެ މެމްބަރުން ނުވަތަ މުވައްޒަފުންގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ސަރުކާރުގެ ސިޔާސަތާއި ގުޅޭގޮތުން ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އެއްބައިވަންކަމާއި ޤައުމީ ރޫޙު ދިރުވުމަށް ކުރެވޭ ކަންކަމުގެ އިތުރުން ރަށް/އަތޮޅު/ސިޓީގެ ތަރައްޤީއަށް ކުރެވޭ އެހެނިހެން ކަންކަމަށެވެ.