މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބާއްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ކުޅިވަރުތައް ޖުލައި 26 ވަނަ ދުވަހުގެރޭ ގަލޮޅުދަނޑުގައި ބާއްވައިފިއެވެ.

މިކުޅިވަރު ޙަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމްގެ ދެކަނބަލުންނާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ. އޭގެ ފަހުން ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާން ކުޅެ ދިވެހި ސިފައިންގެ ލަޝްކަރީންނާ އެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން އޮތެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މިހަފުލާގައި ރާއްޖޭގެ ބައެއް ފަންނާނުން ޚާއްޞަލަވައެއް ހުށަހަޅައިދިނެވެ. މީގެއިތުރުން މިޙަފްލާގައި ކުޅިވަރު އައިޓަމްތައް ހުށަހަޅައިދިނީ މާފަންނު މަދުރަސާ، ކަލާފާނު ސްކޫލް، އަމީނިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ތާޖުއްދީން ސްކޫލް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޑްރިލްއެއް ހުށަހަޅައިދިނެވެ. މިޙަރަކާތްތައް ބައްލަވާލެއްވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ގަލޮޅުދަނޑަށް ވަދެފައެވެ. އަދި މީގެއިތުރުން މިޙަރަކާތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ޓީވީގެ ޒަރިއްޔާއިން ވަނީ ވަގުތުން ދުރަށްދައްކާފައެވެ.