އީޔޫ އަށް ނިސްބަތްވާ ޤައުމުގެ ތަކުގެ ސަފީރުން މިނިސްޓަރ އޮފް ހޯމްއެފެއާޒާއި ބައްދަލުކުރައްވައިފި

ޔޫރަޕިއަން ޔުނިއަން އަށް ނިސްބަތްވާ ޤައުމުތަކުގެ ސަފީރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މިސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެ ޔޫނިއަން އަށް ނިސްބަތްވާ ގައުމުކަމުގައިވާ އިނގިރޭސިވިލާތް، ފްރާންސް، ޖަރމަނީ، ޕޮލެންޑް، އިޓަލީ، އަޔަރލެންޑް އަދި ނެދަރލެންޑްސްގެ ފަރާތުން ސްރިލާންކާގެ ކޮލަންބޯގައި ތިއްބަވާ ސަފީރުންނާއި ހެޑް އޮފް މިޝަންސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އެބޭފުޅުންގެ ހުރި ބައެއް ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރެއްވުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ޔާމީން ރަޝީދުގެ މަރުގެ ހާދިސާއާއި އަޙްމަދު ރިޟްވާން ގެއްލުނު ހާދިސާއާއި، ފުލުހުންގެ ޚިދުމަތާއި އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޛްކުރުމާއި ގުޅޭގޮތުން ކުރިމަތި ކުރެއްވި ސުވާލުތަކަށް މިނިސްޓަރވަނީ ފުރިހަމަ ޖަވާބުތަކެއް ދެއްވިއެވެ. އަދި ބައެއް މަޢުލޫމާތުތައް އެބޭފުޅުންނަށް އަރުވާ ކަންކަން ސާފުކޮށްދެއްވާފައިވެއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އަރިހުގައި މިމިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.