ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓަރ ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ތަހުނިޔާ ދަންނަވައިފި

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ތަހުނިޔާ ދަންނަވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ދެންނެވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެމަނިކުފާނުގެ ބަޔާނުގައި ނޫސްވެރިކަމަކީ ޤައުމެއްގެ ދިމިޤްރާތީ ނިޒާމެއްގައި ވަރަށް މުހިންމު ދައުރެއް ކުޅޭ އެއްޗެއް ކަމަށާއި އަދި ނޫސްވެރިންނަކީ ޤައުމެއްގައި ހިނގާ އެންމެ ކުދިކުދި ކަންތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ކަންތަކުގެ ޚަބަރުތައް ޢާންމުންނާ ހަމައަށް ގެނެސްދިނުމާއި، އަދި ކަންކަމަށް ޢާންމު ހޭލުންތެރި ކުރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާބައެއްކަން ފާހަގަކުރައްވާ، ނޫސްވެރިންނަށް ޤާނޫނުތައް ހުއްދަ ކުރާ އެންމެ ފުޅާ ދާއިރާއެއްގައި އެހިނގާ ކަމެއް ޙަޤީޤަތާއި އެއްގޮތަށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތަށް ގެއްލުން ނުވާ ގޮތެއްގެ މަތިން ގެނެސް ދިނުމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި އޮންނަންޖެހޭނެކަމީ ދިވެހިސަރުކާރުން ޤަބޫލުކުރާ ޙަޤީޤަތެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތްއިރު، 33 ވަނަ މާއްދާ އިން އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރި ކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަންވެސްް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ތެރެއިން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފު ނުވާ ގޮތެއްގެ މަތިން ޤައުމުގައި ހިނގާ ޚަބަރުތައް ގެނެސްދިނުމުގެ މިނިވަންކަން ވަނީ އެންމެފުޅާ ދާއިރާއެއްގައި ލިބިދީފައިކަން ފާހަގަކުރައްވާ އެފަދަ ޚަބަރުތައް ގެނެސްދިނުމުގައި ދިވެހިރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ބޭނުންފުޅުވެލައްވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން އެންމެ ފުޅާ ދާއިރާއެއްގައި ލިބިގެންދާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވާފައިވެއެވެ.